ކ. މާލެ
|
11 އޭޕްރިލް 2017 | އަންގާރަ 12:55
އާޖެންޓީނާ ގައުމީ ޓީމުގެ ކޯޗު އެޑްގާޑޯ ބައުޒާ
އާޖެންޓީނާ ގައުމީ ޓީމުގެ ކޯޗު އެޑްގާޑޯ ބައުޒާ
ގޯލް.ކޮމް
އާޖެންޓީނާ ގައުމީ ކޯޗު
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި
އާޖެންޓީނާގެ ކޯޗުކަމަށް ދެން ގެންނާނީ ކޯޗު ޖޯޖް ސަމްޕޯލީ ކަމަށް ރިޕޯޓްތައް ބުނޭ
އާޖެންޓީނާ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުން ބައުޒާ ވަނީ ވަކިކުރެވިފައި: އާޖެންޓީނާ އެފްއޭ
އާޖެންޓީނާގެ ކޯޗުކަން ބައުޒާއާ ހަވާލުކުރީ އެޓީމުގެ ކުރީގެ ކޯޗު މާޓިނޯ ވަކިކުރުމަށްފަހު

އާޖެންޓީނާ ހޯދަމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން އެޓީމުގެ ކޯޗު ކަމުން އެޑްގާޑޯ ބައުޒާ ވަކިކޮށްފި އެވެ.

ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ބައުޒާގެ އިރުޝާދުގެ ދަށުން އާޖެންޓީނާ 8 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން އެޓީމު މޮޅުވެފައި ވަނީ އެންމެ ތިން މެޗުންނެވެ. އެގޮތުން މުބާރާތަށް އާޖެންޓީނާ ކޮލިފައިވުމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން އާޖެންޓީނާ އެފްއޭގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވިދާޅުވީ، އާޖެންޓީނާ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުން ބައުޒާ ވަނީ ވަކިކުރެވިފައި ކަމަށާއި، އެކަން މިހާރު އޭނާއަށް ވެސް އަންގާފައިވާނެ ކަމަށެވެ.

ވޯލްޑްކަޕް ކޮލިފައިންގައި އާޖެންޓީނާ ހިމެނޭ ގްރޫޕްގައި އެޓީމު އޮތީ ފަސްވަނައިގައިގައެވެ. މި ނަތީޖާގައި އާޖެންޓީނާ ކޮލިފައިން ސްޓޭޖް ނިންމާލަންޖެހިއްޖެ ނަމަ، ދެން އެޓީމު ވާދަކުރަންޖެހޭނީ އޯޝެނިއާގެ ޕްލޭއޮފްގައެވެ.

ކޮލިފައިންގައި އާޖެންޓީނާ ކުރިޔަށް ކުޅޭ ތިން މެޗުގައި، ހަތަރު މެޗަށް ސަސްޕެންޑުކޮށްފައި ހުރި އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީއަށް ނުކުޅެވޭނެއެވެ. މެސީ ސަސްޕެންޑުކޮށްފައި ވަނީ މިދިޔަ މަހު ޗިލީ އަތުން 0-1 ގެ ނަތީޖާއިން އާޖެންޓީނާ ބަލިވި މެޗުގައި ލައިސްމަނާ މުހާތަބުކުރި ގޮތުންނެވެ. އެގޮތުން އޭނާ ވަނީ އެ ހަތަރު މެޗުގެ ތެރެއިން އެއް މެޗު ހަމަކޮށްފައެވެ. އެ މެޗުން އާޖެންޓީނާ ވަނީ ބޮލީވިއާ އަތުން 0-2 ގެ ނަތީޖާއިން ބަލިވެފައެވެ.

އާޖެންޓީނާގެ ކޯޗުކަން ބައުޒާއާ ހަވާލުކުރީ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ޗިލީ އަތުން އެޓީމު ބަލިވުމާ ގުޅިގެން، ކޯޗު މާޓިނޯ ވަކިކުރުމަށް ފަހު އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާޖެންޓީނާގެ ކޯޗުކަމަށް ދެން ގެންނާނީ ޗިލީގެ ކުރީގެ ކޯޗު ޖޯޖް ސަމްޕޯލީއެވެ. އެގޮތުން ކުރިޔަށް އޮތް ހަފްތާތަކެއްގެ ތެރޭގައި އޭނާ މަގާމާ ހަވާލުވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް