ކ. މާލެ
|
15 ޖުލައި 2020 | ބުދަ 17:24
ޑިފެންޑަރު ސާޖް އޯރިއޭ އާއި ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ އެކުގައި
ޑިފެންޑަރު ސާޖް އޯރިއޭ އާއި ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ އެކުގައި
ގެޓީ އިމޭޖަސް
ސާޖް އޯރިއޭގެ ކޮއްކޮ މަރާލުން
ކުޅެން ބޭނުންވާކަން ނިންމާނީ އޯރިއޭ އަމިއްލައަށް: މޮރީނިއޯ
ސާޖް އޯރިއޭގެ ކޮއްކޮ ކްރިސްޓޮފާ މަރާލާފައިވަނީ ޓުލޫސް ސިޓީގެ ނައިޓް ކްލަބެއްގެ ބޭރުގައި
މިވަގުތު ފްރާންސަށް ދިޔުމުގެ ހުއްދަ އޯރިއޭއަށް ވަނީ ދީފައި

ކުޅުމުގެ ތެރެއަށް އެނބުރި އަންނަ ދުވަހެއް ނިންމާނީ ޑިފެންޑަރު ސާޖް އޯރިއޭ އަމިއްލައަށް ކަމަށް ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ޓޮޓެންހަމްގެ ފަހަތަށް ކުޅެމުން އަންނަ ސާޖް އޯރިއޭގެ ކޮއްކޮ ކްރިސްޓޮފާ އޯރިއޭ ދާދި ފަހުން ވަނީ ބަޑިން ހަމަލާދީ މަރާލާފައެވެ. ކްރިސްޓޮފާ މަރާލާފައިވަނީ ފްރާންސްގެ ސިޓީއެއް ކަމުގައިވާ ޓުލޫސްގައި ހުރި ނައިޓް ކްލަބުގެ ބޭރުގައި ހިނގި ހަމަނުޖެހުމެއްގައެވެ.

މޮރީނިއޯ ބުނީ މި ދަނޑިވަޅުގައި އޯރިއޭ ބޭނުންވާ ވަގުތު އޭނާއަށް ދޭނެ ކަމަށާއި، އެނބުރި ކުޅުމުގެ ތެރެއަށް އަންނާނެ ދުވަހެއް ނިންމާނީ އޯރިއޭ އަމިއްލައަށް ކަމަށެވެ. އަދި މިވަގުތު ފްރާންސަށް ދިޔުމަށް އޯރިއޭއަށް ހުއްދަވެސް ދީފައިވާނެ ކަމަށް މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ އިތުރަށް ބުނީ އޯރިއޭ ކުޅުމުގެ ތެރެއަށް އެނބުރި އަންނާނެ ދުވަހެއް ބުނަން ނޭނގޭ ކަމަށާއި، އެކަމުގައި އޭނާއަށް އެއްވެސް ޕްރެޝަރެއް ނޯންނާނެ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ޓޮޓެންހަމްގެ ކުޅުންތެރިން ތިބީ އޯރިއޭއާ އެކުގައި ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

ސާޖް އޯރިއޭގެ ކޮއްކޮ ކްރިސްޓޮފާ އަކީ ފްރާންސްގެ ފަސްވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ އާރުސީ ލެންސްއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. މީގެ އިތުރުން ކްރިސްޓޮފާ ވަނީ އައިވަރީ ކޯސްޓްގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުޅެދީފައެވެ.

ސާޖް އޯރިއޭގެ ކޮއްކޮގެ މަރާ ގުޅިގެން އޭނާ ފްރާންސަށް ދިޔުމުގެ ހުއްދަ ދީފައިވާއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމުން ބުދަ ދުވަހުގެރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ. ލީގު ތާވަލުގައި ޓޮޓެންހަމް އޮތީ އަށްވަނައިގައި 35 މެޗުން 52 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް