ކ. މާލެ
|
15 ޖުލައި 2020 | ބުދަ 13:15
އެޓަލާންޓާ އާއި ބްރެޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެޓަލާންޓާ މޮޅުވީ 6-2 ން
އެޓަލާންޓާ އާއި ބްރެޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެޓަލާންޓާ މޮޅުވީ 6-2 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ފަސޭހަކަމާއެކު ބްރެޝިއާ ބަލިކޮށް އެޓަލާންޓާ ދެވަނައަށް
ބްރެޝިއާ އަތުން އެޓަލާންޓާ މޮޅުވީ 6-2 ން
އެޓަލާންޓާ ތާވަލުގެ ދެވަނައަށް ޖެހިލީ 70 ޕޮއިންޓު ހޯދައިގެން

ފަސޭހަކަމާއެކު ބްރެޝިއާ ބަލިކޮށް އިޓާލިއަން ލީގުގެ ދެވަނަ މަގާމަށް އެޓަލާންޓާ ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެޓަލާންޓާ މޮޅުވީ 6-2 ގެ ނަތީޖާއަކުންނެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެޓަލާންޓާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ދެވަނަ މިނެޓުގައި އެޓަލާންޓާއަށް ލީޑު ނަގައިދިނީ މާރިއޯ ޕަސަލިޗެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން އާނެސްޓޯ ޓޮރެގްރޮސާގެ ލަނޑުން ބްރެޝިއާއިން ވަނީ މެޗުގައި ނަތީޖާ އެއްވަރުކޮށްފައެވެ.

އޭގެ ފަހުން އެޓަލާންޓާއިން މޮޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ވަނީ ފަސް ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި ހެޓްރިކް ހެދި ޕަސަލިޗް އާއި، މާޓިން ޑި ރޫން އާއި، ރުސްލާން މަލިނޮވްސްކީ އަދި ޑުވާން ޒަޕާޓާއެވެ. މި މެޗުގައި ބްރެޝިއާއިން ޖެހި ދެވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ނިކޮލަސް ސްޕަލެކްއެވެ.

މި މޮޅާއެކު އެޓަލާންޓާ ތާވަލުގެ ދެވަނައަށް ޖެހިލީ ކުޅުނު 33 މެޗުން 70 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ ތިންވަނައިގައި އޮތް އިންޓަ މިލާނާއި ހަތަރުވަނައިގައި އޮތް ލާޒިއޯއަށް 32 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ.

އެހެންކަމުން ލީގުގައި ލާޒިއޯ ބުދަ ދުވަހުގެރޭ އުދިނޭޒީ އަތުން މޮޅުވެއްޖެނަމަ، އަދި އިންޓަ ބުރާސްފަތި ދުވަހުގެރޭ ސްޕާލް އަތުން މޮޅުވެއްޖެނަމަ، އެޓަލާންޓާ އަނެއްކާވެސް ހަތަރުވަނައަށް ވެއްޓޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް