ކޮވިޑު ރޯގާއާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު ބުދަ ދުވަހު އަލުން ހުޅުވާލާއިރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި އިންޓަރނޭޝަނަލް ތިން ފްލައިޓެއް ޖެއްސުމަށް ވަނީ ހަމަޖެހިފައެވެ.
އެންމެ ފުރަތަމަ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓެކެވެ. ދޯހާއިން ރާއްޖެ އަންނަ ޕްލައިޓް QR 672 ލޭންޑް ކުރުމަށް ހަމަޖެހިފައިވަނީ ހެންދުނު 8:25 ގައެވެ. މިއީ ރާއްޖޭގެ ބޯޑަރުތައް މާރޗު މަހުގެ 27ގައި ބަންދުކުރި ފަހުން ރާއްޖެއަށް އަންނަ ފުރަތަމަ ކޮމަރޝަލް ފްލައިޓެވެ.
ދެވަނައަށް އަންނަ ސްރީލަންކަން އެއަރލައިންސްގެ UL 101 ކޮލަމްބޯއިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މެންދުރު 12:00 ގައެވެ. މި ޕްލައިޓްގައި 110 މީހުން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖެއެމްވީ އަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭގެ ތެރެގައި ދިވެހިންނާއި ލަންކާގެ ރައްޔިތުން ހިމެނެއެވެ.
ތިންވަނައަށް އަންނަ ފްލައިޓަކީ ޑާކާއިން ރާއްޖެ އަންނަ މޯލްޑިވިއަންގެ ފްލައިޓް Q2 6503 އެވެ. މި ފްލައިޓް ވެލޭނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 19:00 ގައެވެ. މި ފްލައިޓަކީ ހެނދުނު ޑާކާއަށް ދިއުމަށް ފަހު، އަނބުރާ އަންނަ ފްލައިޓެކެވެ.
ބޯޑަރު ހުޅުވާލާ ދުވަހު ރާއްޖެއަށް އެންމެ ތިން ފްލައިޓް އައި ނަމަވެސް، 16 ވަނަ ދުވަހުން ފެށިގެން އިތުރު ފްލައިޓްތައް ދަތުރުކުރަން ފަށާނެއެވެ. އޭގެ ތެރޭގައި އެމިރޭޓްސް، އިއްތިހާދް އެއަރވޭސް، މެލޭޝިއަން އެއަރލައިންސް އަދި އޮމާން އެއަރގެ ފްލައިޓްތައް ހިމެނެއެވެ.