ކ. މާލެ
|
14 ޖުލައި 2020 | އަންގާރަ 17:39
އަންގާރަ ދުވަހު ރައީސް އޮފީހުގަައި ފޮރިން މިނިސްޓްރީއާ އެކު ރައީސް ސޯލިހު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އަންގާރަ ދުވަހު ރައީސް އޮފީހުގަައި ފޮރިން މިނިސްޓްރީއާ އެކު ރައީސް ސޯލިހު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސް ސޯލިހުގެ ޝުކުރު މިނިސްޓަރު ޝާހިދަށް
ރާއްޖޭގެ ތަސައްވުރު ރަނގަޅުކުރަން ޝާހިދު ކޮށްދެއްވާ މަސައްކަތަށް ރައީސްގެ ޝުކުރު
 
ގިނަ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު
 
ހާރިޖީ ސިޔާސަތުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވި
 
މިނިސްޓްރީގެ މުވައްޒަފުންނަށް ރައީސް ޝުކުރު އަދާކުރެއްވި

ރާއްޖޭގެ ހާރިޖީ ހިދުމަތް ހަރުދަނާކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ތަސައްވުރު ރަނގަޅުކުރުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކޮށްދެއްވާ މަސައްކަަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފިއެވެ.

އަންގާރަ ދުވަހު ރައީސް ސޯލިހު ވަނީ، ސަރުކާރުގެ ހާރިޖީ ދާއިރާގެ ހިދުމަތްތައް ކުރިއަށް ގެންދިއުމުގައި އަމާޒުހިފާނެ ގޮތްތަކާއި މެދު މިނިސްޓަރު ޝާހިދާއި އެ މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެފައިވާ މައިގަނޑު ދެ އަސާސަކީ އިންސާނީ ހައްގުތައް ކުރިއެރުވުމާއި ތިމާވެށި ހިމާޔަތްކުރުންކަން ފާހަގަކުރައްވައި، އެކަންކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ކޮވިޑް-19 އަށް ފަހު ބޭރުގެ އެހީ ހޯދުމާއި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ފުރުސަތުތައް ފަހިކުރުމަށް ހާރިޖިއްޔާގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް ރައީސް އަލިއަޅުއްވައިލެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ފޮރިން މިނިސްޓްރީން ވަނީ، ކޮވިޑަށް ފަހު ރާއްޖޭގެ އެކި ދާއިރާތަކަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމުގައި އެ މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިންގަމުގެންދާ ޑިޕްލޮމެޓިކް މިޝަންތަކުގެ ދައުރު ފުޅާކޮށް، މަސައްކަތްތަކުގެ އަމާޒު ހިފިދާނެ ކަންތައްތަކާއި ބެހޭގޮތުން ރައީސް އާ މައުލޫމާތު ހިއްސާކުރައްވާފައެވެ.

އެގޮތުން، ހާރިޖީ ހިދުމަތްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ރާއްޖެއަށް ބޭރުގެ އެހީ ހޯދުމާއި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމާއި، ވިޔަފާރި ކުރިއެރުވުމާއި، އިންވެސްޓްމަންޓުގެ ފުރުޞަތުތައް އިތުރު ކުރުމަށް އަމާޒުހިފައިގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތައް ފޮރިން މިނިސްޓްރީން ވަނީ ބައްދަލުވުމުގައި ފާހަގަކުރެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް