ކ. މާލެ
|
14 ޖުލައި 2020 | އަންގާރަ 16:24
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: ގާޑިއޯލާ ވަނީ ސިޓީ އާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައި
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: ގާޑިއޯލާ ވަނީ ސިޓީ އާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައި
ގެޓީ އިމޭޖަސް
ސިޓީގެ އެއްބަސްވުން ގާޑިއޯލާ އާކުރުން
ސިޓީގެ އެއްބަސްވުން ދިގު މުއްދަތަކަށް ގާޑިއޯލާ އާކުރަނީ
ގާޑިއޯލާގެ އެއްބަސްވުން އާކުރުމަށް ސިޓީގެ މެނޭޖުމަންޓުން ވަނީ ނިންމާފައި
ގާޑިއޯލާގެ އިތުރުން ޑި ބްރޭނާގެ އެއްބަސްވުން އާކުރަންވެސް އަންނަނީ މަސައްކަތް ކުރަމުން

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އެއްބަސްވުން ދިގު މުއްދަތަކަށް އާކުރުމަށް އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ގާޑިއޯލާގެ އެއްބަސްވުން އާކޮށް، ދިގު މުއްދަތަކަށް ގާޑިއޯލާ ޓީމުގައި ބެހެއްޓުމަށް ސިޓީގެ މެނޭޖްމެންޓުން ނިންމައިފައިވަނީ ޔުއެފާއިން ސިޓީއަށް ދިން ސަސްޕެންޝަން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ން އުވާލުމާ ގުޅިގެންނެވެ.

ސީއޭއެސްއިން ސިޓީގެ ސަސްޕެންޝަން އުވާލުމާއެކު އެ ކްލަބަށް ވަނީ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވެފައެވެ.

ސިޓީ އާއެކު ގާޑިއޯލާ ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އޭނާއަށް މިހާރުގެ އެއްބަސްވުމުގައިވާ ގޮތުން އަހަރެއްގެ މައްޗަށް 20 މިލިއަން ޕައުންޑު ލިބެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ގާޑިއޯލާގެ އެއްބަސްވުން ސިޓީން އާކުރާނީ ގާޑިއޯލާއަށް މިހާރު ލިބޭ މުސާރައިގެ އިތުރަށް 15 އިންސައްތައިގެ އާމްދަނީއެއް ލިބޭ ގޮތަށް ދިގު މުއްދަތަކަށެވެ.

ގާޑިއޯލާ ވަނީ ސިޓީއާއެކު މިހާތަނަށް ފަސް ތަށި ކާމިޔާބުކޮށްފައެވެ. އޭނާއަށް ސިޓީ އާއެކު ކާމިޔާބު ހޯދިފައިނުވަނީ ޗެމްޕިއަންސް ލީގުގައި އެކަންޏެވެ. އަދި އަންނަ ސީޒަނުގައި ސިޓީގެ އެންމެ ބޮޑު އަމާޒަކީ ޗެމްޕިއަންސް ލީގު ތަށި ކާމިޔާބު ކުރުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ސިޓީގެ ސަސްޕެންޝަން އުވާލުމާއެކު އެ ޓީމަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ހުނަރުވެރި މިޑްފިލްޑަރު ކެވިން ޑި ބްރޭނާގެ އެއްބަސްވުން އާކުރުމަށް ވެސް ސިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ޑި ބްރޭނާ ވަނީ ސިޓީގެ ސަސްޕެންޝަން ސީއޭއެސްއިން އުވާލާފިނަމަ، ކްލަބްގައި މަޑުކުރާނެ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް