ވ. ފުލިދޫ އާދަޔާ ޚިލާފަށް ގިރަމުންދާތީ މިކަމުގެ ސަބަބުން ފުލިދޫގެ ތިމާވެއްޓަށް ދިމާވެފައިވާ ނާޒުކު ހާލަތުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ، ގިރަމުންދާ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ ގަރާރު ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ގަރާރު ބަލައިގަތުމަށް ފެނޭތޯ ނެގުނު ވޯޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުންގެ ތެރެއިން 52 މެމްބަރުން ވޯޓުދެއްވީ ގަރާރު ބަލައިގަންނަން ފެންނަ ކަމަށެވެ. ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް އެއް މެމްބަރަކު އަދި ވަކިކޮޅަކަށް ވޯޓުނުދެއްވާ ދެ މެމްބަރުން ތިއްބެވިއެވެ.
މި ގަރާރު ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދެވެ. ގަރާރު ހުށަހަޅުއްވަމުން ފަޒުލް ވިދާޅުވީ ފުލިދޫ އާދަޔާ ޚިލާފަށް ގިރަމުން ދިޔުމުގެ ސަބަބުން ރަށުގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތުގެ ސަބަބުން ފުލިދޫގެ ރައްޔިތުންނަށް ބިރުވެރިކަން ކުރިމަތިވެފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ގޯތިގެދޮރަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެފަރާތްތަކުގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑުވެފައިވާ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.
އެގޮތުން ފުލިދޫ މިސްކިތް ހުންނަ ސަރަހައްދު ގިރައިގެން ގޮސް މިސްކިތުގެ އިމާރާތަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށާއި ޒުވާނުން ކުޅެން އޮންނަ ބޯޅަ ދަނޑުގެ ވަށާފާރާ ހަމައަށް އެ ސަރަހައްދު ގިރައި ގެންގޮސްފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.
އެހެންކަމުން ފުލިދޫގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެޅުއްވެން ހުރި ހުރިހާ ފިޔަވަޅެއް އަޅުއްވާ ދެއްވާ، ފުލިދޫގެ ރައްޔިތުންނަށް ސަލާމަތްތެރިކަމާއި، ރައްކާތެރި މާޙައުލެއް ހޯއްދަވާ ދެއްވުމަށް ކުރައްވަން ޖެހޭ ކަންކަން ވީހާ ވެސް އަވަހަށް ކޮށްދެއްވުމަށް އިލްތިމާސް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 167 ވަނަ މާއްދާގެ ދަށުން ޤަރާރު ހުށައަޅުއްވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.