ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ ބިލް ބަލައިގަނެ އެ ބިލް އިތުރަށް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލް ބަލައިގަތުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުން ވެސް ވަނީ ބިލް ބަލައިގަތުމަށް ވޯޓު ދެއްވާފައެވެ. އެއާއެކު ބިލް އިތުރަށް ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބިލްގެ ބަހުސްގެ މަރުހަލާގައި މެމްބަރުން މުޅިން ވެސް ފާހަގަ ކުރައްވާފައިވަނީ މި ބިލްގައި ހުރި ޤާނޫނީ މައްސަލަތައް ކަމަށެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރ މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ބިލަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގައި މިހާރަށްވުރެ ޚަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރެވޭނެ އިންތިޒާމު ކުރުމަށާއި މިހާރަށްވުރެ ބޮޑަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބު ދާރީ ކުރެވޭނެ ގޮތް ހެދުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ހިނދު މަޖިލީހުގެ ޖަލްސާތައް ބާއްވާނެ ގޮތްތައް މިހާރަށްވުރެ ބޮޑަށް އިތުރަށް ސާފުކުރުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.
ބިލް ހުށަހަޅުއްވަމުން މުހައްމަދު ރަޝީދު ވިދާޅުވެފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިއުލާންކުރާ ގޮތުން ޤާނޫނު އަސާސީގެ ދެ ވަނަ ބާބުން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ހިފެހެއްޓިގެންދާ ކަމަށެވެ. އަދި ހައްގުތައް ހިފެހެއްޓިގެންދާއިރު މަޖިލީހުގެ މެމްބަރުންގެ ބަހެއްނެތި ހިފެހެއްޓިގެން ދާ ދިޔުން ގަބޫލު ނުކުރެއްވޭ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ. އެގޮތުން ހަނިކުރެވޭ އަސާސީ ހައްގުތަކުގެ ތެރޭގައި ވަޒީފާ އަދާކުރުމުގެ ހައްގު، އެއްވެ އުޅުމުގެ ހައްގު ދަތުރު ފަތުރުކުރުމާއި ވަޒަންވެރިވުމުގެ ހައްގު އުނގެނުމުގެ ހައްގު ޒާތީ ދިރިއުޅުން މަސައްކަތްކުރުމުގެ ހައްގު, އިގްތިޞާދީ އަދި އިޖުތިމާ ހައްގުތައް ހިފެހެއްޓިގެންދާ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
މުހައްމަދު ރަޝީދު ވިދާޅުވީ މި ޤާނޫނުގެ ދަށުން ވަޒީރަށް ލިބިދީފައިވާ ބާރުތައް އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލަށް ޓްރާންސްފަރ ކުރެވޭ ކަމަށެވެ. އަދި އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލަކީ އެއީ ސިވިލް ސަރވިސްއިން އައްޔަނުކުރާ ސިވިލް ސަރވިސްގެ މަގާމެއް ކަަމަށާއި މިއަދުގެ މި ހާލަތުގައި ހުރިހާ ރައްޔިތުންގެ އަސާސީ ހައްގުތައް ހިފެހެއްޓިގެންދާއިރު ހުރިހާ ކަމެއް އަމުރު ކުރަނީ ސިވިލް ސަރވިސް މުވައްޒަފެއް ކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
އަދި ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިނުވާ ބާރެއް ޤާނޫނަކުން ވަޒީރަކަށް ނުވަތަ އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލަށް ލިބިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭކަމަށް ޤާނޫނު އަސާސީގައި ބަޔާންކުރެއެވެ. އަދިި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނެރެފައިވާ ޤަރާރާއި ގުޅިގެން ކޮންމެ ކަމެއް ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެބާރު އެގޮތަށް ނުލިބޭކަން މެމްބަރު ފާހަގަކުރެއްވިއެވެ.
މި ބިލަށް ބަހުސް ކުރައްވަމުން މެމްބަރުން ވެސް ފާހަގަކުރެއްވި މައިގަނޑު ނުކުތާ އަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އިއުލާން ކުރުމުގެ ބާރު އޮންނާތީ އެކަމުގެ ސަބަބުން ޤާނޫނު އަސާސީން ރައީސަށް ލިބިދޭ ބާރުތަކާއި ޤާނޫނުން ލިބިދޭ ބާރުތައް ފުށުއަރާކަމެވެ. އަދި ސިވިލް ސަރވިސް މުވައްޒަފަކަށް ބޮޑު ބާރެއް އެހެން އެއްވެސް ބައެއްގެ ރުހުމެއް ހޯދުމެއްނެތި، ބަހެއް ހޯދުމެއްނެތި އޮންނަ އޮތުމުގެ ސަބަބުން ގިނަ ކަންތައްތަކެއް ހުއްޓުމަކަށް އަންނަކަން މެމްބަރުން ފާހަގަކުރެއްވިއެވެ.