ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާތަކަށް ވަޑައިގަންނަވާ ގަޑި ބަލައިގެން މެމްބަރުންގެ މުސާރަ ދިނުމަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފި އެވެ.
އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމަށް މަޖިލީހުގެ ގަވާއިދު ކޮމިޓީގައި އެދިވަޑައި ގަންނަވާ ކަމަށެވެ. އެގޮތުން މަޖިލީހުގެ މަސައްކަތް ފަށާ ގަޑިއަކީ ހެނދުނު 8:30 ކަމަށާއި ޖަލްސާތައް ފަށާ ގަޑިއަކީ 9:00 ކަމުގައި ހަމަޖެއްސުމަށް ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި މެމްބަރުން މަޖިލީހަށް ވަޑައިގެންނެވުމަށްފަހު ހާޒިރީގައި ސޮއި ކުރައްވާއިރު ގަޑި ޖައްސަވާ ގޮތަށް ހަމަޖެއްސުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑު ދެކޭގޮތުގައި ޚާޒިރުވާ ގަޑިއާ މުސާރައާއި ގުޅުން އޮންނާނެ. މިމަޖިލީހުގެ ގަވާއިދު ވަރަށް ސާފުކޮށް ބުނަނީ މިތަނުގައި ޖަލްސާ ބާއްވާ ދުވަސްތަކާއި ޖަލްސާ ބާއްވާ ގަޑިތަކާއި އެޖެންޑާ އައިޓަމްތައް. އަޅުގަނޑުދެކޭ ގޮތުގައި އެމިންވަރަށް މެމްބަރުން މިތަނަށް ހާޒިރުވެ ވަޑައިގަތުމަކީ ތިޔަ މެމްބަރުން ހުވާކުރައްވައިގެން ތިއްބެވިކަމެއް.ރައްޔިތުންގެ މަޖިލީހުގެ ރައީސް /ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް މުސާރައިގެ ގޮތުގައި 42،000ރ. ލިބިވަޑައިގަންނަވައެވެ. ހައުސިން އެލަވަންސަށް 20،000ރ. އަދި ކޮމިޓީ އެލަވަންސަށް ލިބޭ 20،000ރ. އާ އެކު ޖުމްލައަކީ 82،000ރ. އެވެ. ނަމަވެސް ކޮވިޑް-19 އާ ހެދި އިގުތިސާދަށް ކުރިމަތިވި މައްސަލަތަކާ އެކު މެމްބަރުންގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި މިހާރު އެންމެ ގިނައިން ވެސް ލިބިވަޑައިގަންނަވާނީ 69،750.ރ އެވެ.
ރައްޔިތުންގެ މަޖިލީހުން މިހާރު އަމަލު ކުރަމުންދާ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ސަލާމާއި ޗުއްޓީގައި ތިބޭ މެންބަރުން ފިޔަވައި، އެ މަހެއްގެ ތެރޭގައި ބޭއްވޭ ޖަލްސާތަކުގެ ދެބައިކުޅަ އެއްބައި ޖަލްސާތަކަށް މެމްބަރަކު ހާޒިރުނުވެއްޖެނަމަ އެ މެމްބަރެއްގެ މުސާރައިން 50 އިންސައްތައަށް ވާ މިންވަރު ކަނޑަން ޖެހޭނެއެވެ.