ކ. މާލެ
|
14 ޖުލައި 2020 | އަންގާރަ 12:30
ޔުނައިޓެޑާއި ސައުތެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން
ޔުނައިޓެޑާއި ސައުތެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ސައުތެމްޓަނުން ޔުނައިޓެޑް ތިންވަނައަށް އެރިޔަނުދީ ހިފަހައްޓައިފި
ޔުނައިޓެޑާއި ސައުތެމްޓަން ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ން
މި މެޗު އެއްވަރުވުމުން ޔުނައިޓެޑް އޮތީ ފަސްވަނައިގައި 59 ޕޮއިންޓާއެކު

ފަހު ވަގުތު ކާމިޔާބުކުރި ލަނޑުން ސައުތެމްޓަނުން މެންޗެސްޓާ ޔުނައިޓެޑް ތިންވަނައަށް އެރިޔަ ނުދީ ހިފަހައްޓައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ސައުތެމްޓަނުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޕައުލް ޕޮގްބާއަށް ހެދުނު ގޯހެއްގެ ފައިދާނަގާ ސައުތެމްޓަނަށް ލީޑު ނަގައިދިނީ ސްޓުއާޓް އާމްސްޓްރޯންގްއެވެ.

އެކަމަކު ޔުނައިޓެޑުން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހާ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މެޗުގެ 20 ވަނަ މިނެޓުގައި މާކަސް ރެޝްފޯޑް ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ތިން މިނިޓް ފަހުން އެޓީމަށް ލީޑު ނަގައިދިނީ އެންތަނީ މާޝިއަލްއެވެ.

މި މެޗުގައި ސައުތެމްޓަނުން ނަތީޖާ އެއްވަރުކޮށްފައިވަނީ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިކައެލް އޮބަފޭމީ މި ލަނޑު ކާމިޔާބުކުރީ ކޯނަރަކުންނެވެ.

މި މެޗުން އެއްވަރުވުމުން ތިންވަނައަށް އަރަން ލިބުނު ފުރުސަތު ޔުނައިޓެޑަށް ގެއްލުނުއިރު، އެޓީމު އޮތީ ފަސްވަނައިގައި 35 މެޗުން 59 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި އޮތް ލެސްޓާ ސިޓީއަށްވެސް 35 މެޗުން 59 ޕޮއިންޓު ލިބިފައިވާއިރު، އެޓީމަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ގަދަ ހަތަރު ޓީމު އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވާއިރު، ތިންވަނައިގައި ޗެލްސީ އޮތީ 35 މެޗުން 60 ޕޮއިންޓާއެކުއެވެ.

ގަދަ ހަތަރެއްގެ ފޯރިގަދަ ވެފައިވާއިރު، ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ ދެން އޮތީ ތިން މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް