ކ. މާލެ
|
14 ޖުލައި 2020 | އަންގާރަ 13:01
ފެތުންތެރިންނާއެކު ސްވިމިންގ އެސޯސިއޭޝަންގެ ރައީސް: މި މަހު އިންތިޚާބު ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުން
ފެތުންތެރިންނާއެކު ސްވިމިންގ އެސޯސިއޭޝަންގެ ރައީސް: މި މަހު އިންތިޚާބު ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުން
ރާއްޖެ އޮންލައިން
ސްވިމިންގ އެސޯސިއޭޝަންގެ އިންތިޚާބު
ސްވިމިންގ އެސޯސިއޭޝަންގެ އިންތިޚާބު މި މަހު ބޭއްވުމަށް އެޗްޕީއޭގެ ލަފަޔަކަށް
އެސޯސިއޭޝަންގެ އިންތިޚާބު ހަތަރު ފަހަރަށް ވަނީ ފަސްކޮށްފައި
ނިއު ނޯމަލްގެ 30 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭ

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބު މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހެކްލު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފަޔަކަށް އެދިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ސްވިމިން އެސޯސިއޭޝަންގެ އިންތިޚާބު އެޕްރީލް މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ނިންމި ނަމަވެސް، ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ސްވިމިންގ އެސޯސިއޭޝަންގެ އިންތިޚާބު އޭރު ފަސްކުރިއެވެ. އެ އެސޯސިއޭޝަންގެ އިންތިޚާބު ނުބޭއްވި ލަސްވަމުންދާތީ މިހާރު އެސޯސިއޭޝަން ހިންގަމުންދަނީ ދުނިޔޭގެ ފެތުމުގެ މައި ޖަމިއްޔާ (ފީނާ) އާއި ސްޕޯޓްސް ކޮމިޝަނުގެ ހުއްދަ އާއެކު ހިންގާ ކޮމިޓީގެ ދައުރު ދަމަހައްޓައިގެންނެވެ.

މިހާރުގެ ހިންގާ ކޮމިޓީގެ މުއްދަތު އިތުރު ކުރުމަށް ހުއްދަދީފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ ކުރުން ނިމުމަކަށް އައިސް، އާންމު ހާލަތަކަށް ރުޖޫއަވެ، ސަރުކާރު ހުޅުވޭތާ 30 ދުވަހުގެ ތެރޭގައި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށާއި، އައު ހިންގާ ކޮމިޓީ އިންތިޚާބުކުރުމާ ހަމައަށެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕޮރޮގްރާމުގައި ވާހަކަ ދައްކަވަމުން ސްވިމިންގ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާޢީލް އަލީ ވިދާޅުވީ ނިއު ނޯމަލްގެ 30 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭ ކަމަށާއި، އެހެން ކަމުން މި މަހުގެ 25 ވަނަ ދުވަހު އިންތިޚާބު ކުރިއަށް ގެންދިޔުމަށް އެޗްޕީއޭގެ ހުއްދައަކަށް އެދިފައިވާއިރު، އެ ހުއްދަ ލިބުމާއެކު އިންތިޚާބާއެކު ކުރިއަށްދާނެ ކަމަށެވެ.

ސްވިމިންގ އެސޯސިއޭޝަންގެ އިންތިޚާބު ހަތަރު ފަހަރަށް މިހާތަނަށް ވަނީ ފަސްކޮށްފައެވެ. މީގެ ކުރިން ސްވިމިންގ އެސޯސިއޭޝަންގެ އިންތިޚާބު ބާއްވަން ނިންމީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އެވެ. އޭގެ ކުރިންވެސް އިންތިޚާބު ބާއްވަން މަސައްކަތް ކުރި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އިންތިޚާބު ފަސްކުރިއެވެ.

ސްވިމިން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް މާ ބޮޑެތި ބަދަލުތަކެއް ނެތި ތިން ދައުރު ހަމަކޮށްފައިވާއިރު، ކުރިއަށް އޮތް ދައުރުގައިވެސް އެ ސޯސިއޭޝަންގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ މިހާރުގެވެސް ރައީސް މުޙައްމަދު އަބްދުއްސައްތާރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް