ޖިންސީ ކުށުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ޤާނޫނާއި ގުޅޭ ދެ ބިލެއް އަންގާރަ ދުވަހުގެ ޖަލްސާގައި ވަނީ ހުށަހަޅުއްވާފައެވެ. މި ބިލުތައް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މެންބަރު ހިސާން ހުށަހެޅުއްވި މި ބިލުގައި ވަނީ ޖިންސީ ކުށުގެ ޤާނޫނުގެ 50 ވަނަ މާއްދާގެ ފަސްވަނަ ބާބުގެ ފަހަތަށް މާއްދާއެއް އިތުރު ކުރުމަށެވެ. ރޭޕް އާއި ޖިންސީ އަނިޔާގެ ޝިކާރަކަށް ވާ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި، އެ ސާމްޕަލްގެ ފޮރެންސިކް ތަޙުލީލު ކުރުމަށް މި ބިލުގައި ހިމަނާފައިވެއެވެ.
އަދި ސަރުކާރުގެ ޞިއްޙީ ޚިދުމަތް ދޭ މަރުކަޒުތަކަށާއި ދިވެހިރާއްޖޭގައި ހިންގާ ހޮސްޕިޓަލުތަކަށް ރޭޕް އެވިޑެންސް ކިޓް ލިބޭނޭ އިންތިޒާމު ސަރުކާރުގެ ފަރާތުން ހަމަޖައްސަންވާނެ ކަމަށާއި ޞިއްޙީ ޚިދުމަތް ދޭ ތަނަކުން ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ނަގާ ސާމްޕަލްތައް ނެގުމަށް އެއްވެސް އަގެއް ނަގައިގެން ނުވާނެ ކަމަށް ވެސް މި ބިލުގައި ހިމަނާފައިވެއެވެ. އަދި ރޭޕް އެވިޑެންސް ކިޓް ލިބޭނެ އިންތިޒާމު ޤާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ހަމަޖައްސާ ނިންމަންވާނެ ކަމަށް ވެސް ވެއެވެ.
މީގެ އިތުރުން ރޭޕް އެވިޑެންސް ކިޓް ބޭނުން ކުރާނެ ގޮތުގެ ތަމްރީނު ލިބިފައި ހުރި ޑޮކްޓަރެއް ނުވަތަ ނަރުހެއް ދިވެހިރާއްޖޭގައި ސަރުކާރުން ހިންގާ ކޮންމެ ޞިއްޙީ މަރުކަޒެއްގައާއި ދިވެހިރާއްޖޭގައި ހިންގާ ކޮންމެ ހޮސްޕިޓަލެއްގައި ހުންނަންވާނެ ކަމަށް މި ބިލުގައި ހިމަނާފައިވާއިރު، ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ނަގާ ސާމްޕަލް، އެ ސާމްޕަލް ނަގާ މަރުކަޒުގައި ރައްކާތެރިކޮށް ބަހައްޓާނެ ގޮތުގެ އުސޫލު މި ޤާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެކުލަވާލަންވާނެ ކަމަށް ވެސް ހިމަނާފައިވެއެވެ.
މީކާއިލް ހުށަހަޅުއްވާފައިވަނީ މި ޤާނޫނުގެ 53 ވަނަ މާއްދާގެ ނ، ރ، ބ އުނިކުރުމަށެވެ. ސަބަބެއް ކަމަށް ބިލުގައި ބުނެފައިވަނީ މިހާރު ގާނޫނުގައި އެ އަކުރު އޮތް ގޮތުން ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ މާޒީއާއި ނަފްސުގެ އަބުރުވެރިކަމާޢި އަޚްލާގު އަދި ކުށުގެ ތުހުމަތު ކުރެވުމުގެ ކުރިން ކުށުގެ ތުހުމަތު ކުރެވޭ ފަރާތާއި ކުށުގެ ޝީކާރައަކަށްވީ ފަރާތާއި ދެމެދު އޮތް ގުޅުމާއި ހިނގާފައިވާ މުއާމަލާތްތަކަކީ ކުށުގެ ޝިކާރައަކަށްވީ ފަރާތާއި ދެކޮޅަށް ބޭނުން ކުރެވޭނެ ހެކީގެ ގޮތުގައި އޮތުމުން ކަމަށެވެ.
ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ ޖިންސީ ކުށުގެ މައްސަލަތަކަކީ އޭގެ ޝިކާރައަކަށް ވާ މީހާއަށް ޖިސްމާނީ އަނިޔާ ލިބުމުގެ އިތުރުން ބައެއްފަހަރު މުޅި އުމުރަށް އޭގެ ސަބަބުން ނަފްސާނީ ނޭދެވޭ އަސަރުކުރާ ބާވަތުގެ މައްސަލަތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ އިންސާފު ނުލިބިއްޖެނަމަ ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހާ އިތުރަށް ނިކަމެތިވާ ޒާތުގެ ނާޒުކު މައްސަލަތަކެއް ކަމަށާއި މިފަދަ މައްސަލަތަކަކީ ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހާއާ މެދު ހާއްސަ އުސޫލުތަކަކުން އޭނާއަށް އިތުރު ބުރައެއް ނުވަތަ އަނިޔާއެއް ނުލިބޭ ގޮތަށް އަމަލު ކުރަންޖެހޭ ޒާތުގެ މައްސަލަތަކެއްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
ޖިންސީ ކުށުގެ މައްސަލަތަކަކީ ސާބިތުކުރަން އުނދަގޫ މައްސަލަތަކަކަށް ވެފައިވާއިރު، ޝަރީއަތަށް ހުށަހެޅޭ ގިނަ މައްސަލަތައް ސާބިނުވާ ކަމަށް ނިންމާފައިވަނީ، މައްސަލަ ސާބިތުކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށް ކަނޑައަޅާއިރު، ޖިންސީ ކުށުގެ މައްސަލަތަކުގައި ހޯދާ ފޮރެންސިކް ހެކި ހޯދުމުގައާއި ހެކި ރައްކާތެރިކުރުމުގައި ހާއްސަ އުސޫލުތަކެއް ގެންގުޅެގެން މެނުވީ މިބާވަތުގެ މައްސަލަތައް ތަހުގީގުކޮށް، ސާބިތު ވާވަރަށް ހެކި ނުހޯދޭނެކަން ޖިންސީ ކުށުގެ ޤާނޫނަށް އަމަލުކުރަން ފެށި ފަހުން ފާއިތުވި ހަ އަހަރު ދުވަހުގެ ތަޖުރިބާގެ އަލީގައި އެނގެން އޮތް ކަމަށް ވެސް މި ބިލުގައި ފާހަގަކޮށްފައިވެއެވެ.
މި ބިލު ހުށަހަޅާފައިވަނީ ޖިންސީ ކުށުގެ އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށާއި، ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ނުކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ޖިންސީ ކުށުގެ ޤާނޫނަށް އިސްލާހު ގެނައުން މުހިންމު ކަމަށް ފެންނާތީއެވެ.