ރައީސުލްޖުމްހޫރިއްޔާ އަށް ޤާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުން އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަނަށް ޤާނޫނުގައި ބުނާ މަސައްކަތްތައް ކުރެވިފައިވާކަން ވިދާޅުވަން ދަތި ކަމަށާއި އެ ދެކޮމިޝަން އުވާލަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ކޮމިޝަނާއި، ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެންފަހުން ވަނީ އުފައްދަވާފައެވެ. އަދި މި ދެ ކޮމިޝަންގެ މަސައްކަތްތަކަށް ޤާނޫނުން ބާރުތަކެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ ކޮމިޝަންގެ ޤާނޫނުގެ ނަމުގައި ޤާނޫނެއް ފާސްކޮށް ކޮމިޝަންތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ޤާނޫނީ ބާރުދީފައެވެ.
ނަމަވެސް އެ ކޮމިޝަންގެ މަސައްކަތްތައް ކުރިޔަށް ނުދާކަމުގެ ޝަކުވާތައް އާންމުން އަންނަނީ ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާއަށް ރާއްޖޭގައިވާ އަޑީ ދައުލަތްތައް ހޯދުމާއި ގުޅޭގޮތުން ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ދެ ކޮމިޝަނަށް ޤާނޫނުން މަތިކޮށްފައިވާ މަސައްކަތްތައް ނުކުރެވޭ ކަމަށާއި އެހެންކަމުން އެއްގޮތަކީ އެ ދެ ކޮމިޝަނާއި ޤާނޫނު ވެސް އުވާލުން ކަމަށެވެ.
އަޅުގަނޑުގެ ހިތަކަށް މިހާރަކު ނުވަދޭ މިދެކޮމިޝަން އޮތުމުގެ ބޭނުން އޮތްކަމަށް. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިދޭ އިޚުތިޔާރު ދަށުން މިކަން ކޮށްފައިމިވަނީި. މެމްބަރުން ކުރިމަތީ އެބައޮތް ހައްދަވާނެ ގޮތެއް. އަޅުގަނޑުގެ ބުއްދިއަށް މިހާރު ގަބޫލުކުރެވެނީ މިދެކޮމިޝަނަކީ ބޭނުންތެރި ދެކޮމިޝަނެއް ނޫންކަމަށް. އެތަންތަން މިހާރު އުވާލެވެން ޖެހޭކަމަަށް. އަޅުގަޑުމެން ބޭކާރު ބޭނުމެއް ނެތް ޚަރަދު ޚާއްސަކޮށް މިކޮވިޑްގެ ދަތީގައި ކުރުމުގެ އެއްވެސް ބޭނުމެއް ނެތް.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ގުޅިގެން މަރު ކޮމިޝަނުން ހަދާފައިވާ ޑްރާފްޓް ރިޕޯޓެއް މަޖިލީހަށް ކޮމިޝަންގެ ރައީސް ވަޑައިގެން ހިއްސާކުރެއްވި ކަމަށެވެ. އަދި މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ވެރިންނާ އެ ރިޕޯޓް ހިއްސާކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ ރިޕޯޓާއި ގުޅިގެން މަޖިލީހުގެ ޤައުމީ ސަލާމަތީ ކޮމިޓީން ދިރާސާކޮށް ތަހުގީގީ ރިޕޯޓެއް އެކުލަވާލާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް އެކަމާއި ގުޅުންހުރި އެއްވެސް ކަމެއް ނުހިނގާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ދިރާސާކޮށް ނިންމާ ކޮމިޓީއަށް ފެންނަ ވާހަކަތަކާއެކުގައި ސަރުކާރުގެ އެކިއެކި ތަންތަނަށް ސިޓީތައް ވާނީ ފޮނުވާފައި. ނަތީޖާއެއް ނުފެނޭ. ނަތީޖާއެއް ނެރުމަށް މެމްބަރުންނަށް އެނގިވަޑައިގެންނަވާނެ ޤާނޫނު އަސާސީގައި ކަންކަން ހުންނަނީ ވަޒީރުންނާ ހަވާލުކުރެވިފައިކަން. މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ މިމަޖިލީހަށް ވަޒީރު ބޭފުޅުން ޖަވާބު ދާރީވާން ޖެހިވަޑައިގަންނަވާނެކަން.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ މީގެ ކުރީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ މަރު ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ކުރިޔަށް ނުގެންދެވޭނެ ކަމަށް ބުނެ އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީ އެއް ފޮނުވާފައިވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މަރު ކޮމިޝަނުން ދެކޭގޮތުގައި މިހާރު އެކުލަވާލާފައިވާ ޑްރާފްޓަށް ދެން އިތުރު ހެއްކެތް ހޯދޭކަށް ނެތް ކަމަށެވެ.
އެކަމާއި ގުޅިގެން ހަމަ އެ ދުވަހު އެކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް ބުނެފައި ނުވާނެ ކަމަށެވެ. އަދި ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ގޮސްފައިވާ ހިސާބު ލިޔުމުން އެންގުމަށް ރައްޔިތުންގެ މަޖިލީހުން އަންގާފައިވާތީ، ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތަޙުޤީޤު މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު އަދި ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ދަންނަވާފައިވާނެ ކަމަށެވެ.
އަދި ކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަޙުޤީޤު ކުރިއަށް ނުގެން ދިޔުމަށް ނިންމާފައި ނުވާ ކަމަށާއި، ކޮމިޝަނުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށް ވެސް އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
މަރު ކޮމިޝަނުން ބަލަމުން އައި މައްސަލަތަކުގެ ތެރެއިން، ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތާ ބެހޭ ޑްރާފްޓް ރިޕޯޓަކާއި ނޫސްވެރިޔާ އަހުމަދު ރިލުވާން އަބްދުﷲ ގެއްލުވައިލި މައްސަލައާ ގުޅޭ ރިޕޯޓެއް މަޖިލީހަށް ވަނީ ފޮނުވާފައެވެ. އަދި ކޮމިޝަނުން އަމިއްލަ އަށް ވެސް އޭގެ ބައެއް މައުލޫމާތު އާއްމުކޮށްފައިވެއެވެ. ނަމަވެސް މުޅި ރިޕޯޓު އާންމު ކުރީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި މަޖިލީހުގައި އެ ރިޕޯޓުތަކާއި ގުޅިގެން ބަހުސްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ގޮތްނޭނގޭ ގޮތްގޮތަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދައި ދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.