ކ. މާލެ
|
13 ޖުލައި 2020 | ހޯމަ 19:40
ޕީއެސްޖީން ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 9-0 ގެ ނަތީޖާއަކުން
ޕީއެސްޖީން ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 9-0 ގެ ނަތީޖާއަކުން
ގެޓީ އިމޭޖަސް
ޕީއެސްޖީން ރަހުމަތްތެރިކަމުގެ މެޗެއް ކުޅުން
ކޮވިޑް-19 ށްފަހު ޕީއެސްޖީން ސަޕޯޓަރުންނާއެކު މެޗެއް ކުޅެފި
މި މެޗު ބަލަން 5،000 ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައި
މިއީ ޔޫރަޕްގައި ކޮވިޑް-19 ގެ ބްރޭކަށްފަހު ސަޕޯޓަރުން ވައްދައިގެން ކުޅުނު ފުރަތަމަ މެޗު
މި މެޗުން ޕީއެސްޖީ މޮޅުވީ 9-0 ން

މި ސީޒަނުގެ ފްރެންޗު ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ޕީއެސްޖީން ކޮވިޑް-19 ށްފަހު ސަޕޯޓަރުން ވައްދައިގެން ފުރަތަމަ ފަހަރަށް މެޗެއް ކުޅެފިއެވެ.

5،000 ސަޕޯޓަރުންނާއިއެކު ކުޅުނު އެކުވެރިކަމުގެ މި މެޗު ލަ ހާވްރާއާ ވާދަކޮށް ޕީއެސްޖީން ކާމިޔާބުކޮށްފައިވަނީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗު ބައްލަވައިލެއްވުމަށް ފްރާންސްގެ ކުޅިވަރާ ބެހޭ ވަޒީރު ރެކްސޯނިއާ މާރެކްސިމިއާނޭ ވަނީ ދަނޑަށް ހާޒިރުވެފައެވެ. ރެކްސޯނިއާ ވިދާޅުވީ މި މެޗުގެ ސަބަބުން އެގައުމުގެ ކުޅިވަރަށް އައު އުންމީދެއް ލިބިއްޖެ ކަމަށާއި، ކޮވިޑް-19 ގެ ސަބަބުން ހީނަރުވެފައިވާ ކުޅިވަރުގެ ފޯރި އަލުން ގެނައުމަށް އުންމީދު އާވެއްޖެ ކަމަށެވެ.

މެޗު ފަށައިގެން އަށްވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މައުރޯ އިކާޑީއެވެ. އަދި އޭނާ ވަނީ މެޗުގެ 19 ވަނަ މިނެޓުގައި ޕީއެސްޖީއަށް އިތުރު ލަނޑެއް ޖަހާދީފައެވެ. އިކާޑީގެ އިތުރުން ނޭމާވެސް ވަނީ މި މެޗުގައި ދެ ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ޕީއެސްޖީން ދެން ކާމިޔާބުކުރި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ އާއި، ގެއި އާއި، ސަރާބިއާގެ އިތުރުން ކަލަމިއަންޑޫއެވެ.

މި މެޗު ވެގެން ގޮސްފައިވަނީ ކޮވިޑް-19 ގެ ބްރޭކްއަށް ފަހު ޔޫރަޕްގެ ބޮޑު ކްލަބަކުން ސަޕޯޓަރުން ވައްދައިގެން ކުޅުނު ފުރަތަމަ މެޗަށެވެ.

ކޮވިޑް-19 ގުޅިގެން މި ސީޒަނުގެ ފްރެންޗު ލީގު ކެންސަލް ކުރިއިރު، ޕީއެސްޖީން އަދި ދެ މުބާރާތެއްގެ ފައިނަލްގައި ކުޅޭނެއެވެ. އެއީ މި މަހުގެ ފަހުކޮޅަށް ތާވަލުކޮށްފައިވާ ފްރެންޗު ކަޕާއި ފްރެންޗު ލީގު ކަޕްގެ ފައިނަލް މެޗުތަކެވެ. އޭގެ އިތުރަށް އަންނަ އޮގަސްޓް މަހު ޕޯޗުގަލްގެ ލިޒްބަންގައި އަލުން ފެށުމަށް ހަމަޖެހިފައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގައިވެސް ޕީއެސްޖީ ވާދަކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް