ބިދޭސީންގެ މައްސަލައަކީ ދިވެހިރާއްޖޭގައި ޒަމާނުއްސުރެވެސް އޮތް މައްސަލައެކެވެ. އެތައް ޒަމާނުއްސުރެ ހެދިބޮޑުވަމުން އައި މި މައްސަލަ ވަކިން ޚާއްސަކޮށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ ފުޅާވަމުން އައީ އެންމެންގެ ލޯ ކުރިމަތީގައެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ގިނައީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމާއި އެމީހުންގެ ފުށުން ދިމާވާ މައްސަލަތަކާއި އެމީހުންނާ މެދު ދިވެހިން ކަންކުރަމުން އައި ގޮތް އެއީ އެންމެންނަށް އެނގޭ ބޮޑު ސިއްރެކެވެ.
ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އިހުމާލުން، ވަކިން ޚާއްސަކޮށް އިންސާނީ މިވަގުފާރި ކޮށްގެން ވަކި ބަޔަކަށް ނާޖާއިޒް ބޮޑެތި ފައިދާތަކެއް ލިބޭތީ މި މައްސަލައަށް ދާއިމީ ހައްލެއް ނާންނަނީ ކަމަށް އެއް ބަޔަކު ދެކެއެވެ. މިކަމުގެ ވަކި މުޅި ރާއްޖޭގައި ހިތްޕާލާފައި އޮތް ފުންމިނާއި ފުޅާމިން ދޭހަވާ އެއްކަމަކީ ސަރުކާރުގެ އެއްވެސް އިދާރާއަކަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ޞައްހަ އަދަދު ބުނެދޭން ނޭންގުމެވެ. ހުސް ހުރީ ލަފާކުރެވޭ އަދަދުތަކެކެވެ. ކޮންމެ ބަޔަކު ވެސް މި މައްސަލައަށް އަލިއަޅުވާލަމުން ފުރަތަމަ ވެސް ބުނަނީ މިއީ ވަރަށް ހައްސާސް މައްސަލައެއް ކަމަށެވެ. މައްސަލަ ހައްލުކުރުމަށް ވަގުތު ނަގާނެ ކަމަށެވެ.
ތެދެކެވެ. ތިރީސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި މައްސަލަ ހައްލުކުރުމަށް ވަގުތު ނަގާނެއެވެ. މައްސަލަ އުފެދެން ދިމާވިހާ ދުވަސް ވެސް ނަގާފާނެއެވެ. ނަމަވެސް މުޅި މި މައްސަލައަށް ވިސްނާލާނަމަ މީގެން ވަރަށް ގިނަ އެހެން މައްސަލަތައް ފެންމަތިވެއެވެ. އިންސާނީ ވަގުފާރިއާއި އިންސާނިއްޔަތާ ޚިލާފު އެތައް އަމަލުތަކަކާއި، ޤާނޫނާއި ގަވާއިދާއި ޚިލާފު އެތައް ކަންތައްތަކާއި އިގްތިޞާދީ އަދި އިޖުތިމާޢީ އެތައް މައްސަލަތަކެކެވެ. ބައިނަލްއަގްވާމީ އެތައް މުއާހަދާއަކާއި ޚިލާފު ވެސް އެތައް މައްސަލައެކެވެ. މި މައްސަލަތަކުގެ ރަނގަބީލު ޖަހަމުންދާތާ އެތައް ދުވަހެކެވެ. ނަމަވެސް ހައްލެއް ހޯދިފައެއްނުވެ އެވެ. ކޮންމެވެސް އެއްބަޔަކު ޒިންމާވާންޖެހޭ ކަމަށް ބުނެ މައްސަލަ ޕާކުވެފައި އޮންނަނީއެވެ. ހައްލުވާ ތަނެއް ނުފެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް ވަނީ ބިދޭސީންގެ ގަވާއިދާ ޚިލާފަށް އެތެރެފައިވާ ބިދޭސީން މެދުވެރިކޮށް ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާތެރިވާ ގޮތަށް ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ކުރިމަތިލާ މުދަލަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލު ކުރަމުންދާތީ އެކަން ކުށްވެރި ކުރުމުގެ ގޮތުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. މިއީ ބިދޭސީންނާއި ގުޅިގެން މަޖިލީހަށް މައްސަލައެއް ހުށަހެޅި ނުވަތަ ތަޅުމުގައި މެމްބަރުން ބިދޭސީންގެ މައްސަލައާ ގުޅިގެން ވާހަކަދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ. ފާއިތުވެގެންދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް މި މައްސަލައަށް މެމްބަރުން ވަނީ ވާހަކަދައްކަވާފައެވެ.
މިފަހަރު މި މައްސަލަ ހުށަހެޅިގެން ދިޔައީ މިފަހަކަށް އައިސް ބިދޭސީން ސިލްސިލާކޮށް ކުރިޔަށް ގެންދަން ފެށި މުޒާހަރާތަކުގެ ސަބަބުންނެވެ. އެމީހުން ހަމައެކަނި މުޒާހަރާ ކުރަނީކީ ނޫނެވެ. މުޒާހަރާ ކޮންޓްރޯލް ކުރުމަށްދާ ފުލުހުންނަށް ހަމަލާދީ ދިވެހިން ރަހީނު ވެސް ކުރަނީއެވެ. މައްސަލައިގެ ސީރިއަސްކަން ދިވެހިންގެ ތެރެއިން ގިނަބަޔަކަށް ރަނގަޅަށް އެނގެން ފެށީ އެހިސާބުންކަމަށް ވެސް ވެދާނެއެވެ. އެމީހުންނަށް ދޭންޖެހޭ މުސާރައާއި އެހެނިހެން ޚިދުމަތްތަކުގެ ވާހަކަ ދިވެހިން ކުރިން ނުދައްކާ ވަރަށް ބާރަށް މިވަނީ ދައްކަން ފަށާފައެވެ. ޒަމާނުއްސުރެ ވެސް ދިވެހިންގެ ތެރޭގައި ވަނީ ބިދޭސީންނާމެދު ދަށު ދަރަޖައަކަށް އަމަލުކުރުމުގެ ޘަގާފަތެއް އުފެދިފައެވެ.
މި މައްސަލައާ ގުޅިގެން މަޖިލީހުގެ ޖަލްސާގައި މެމްބަރުން ބަހުސް ކުރައްވަމުން ގެންދަވަނިކޮށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް މި މައްސަލައާ ގުޅޭގޮތުން ޖަލްސާގައި ވާހަކަ ދައްކަވާފައެވެ. އިކޮނޮމިކް މިނިސްޓްރީ އަކީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ވަކިން ޚާއްސަކޮށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ މިނިސްޓްރީއެވެ.
މިނިސްޓަރ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފެއްޓެވި މަސައްކަތް ސިފަކުރެއްވީ ބިރުވެރި ހޮހަޅައަކަށް ވަދެއުޅޭއިރު ފެންނަފަދަ ބިރުވެރި ކަމެއްގެ ގޮތުގައެވެ. "އަޅުގަނޑު މިކަމާއި ހަވާލުވެ އަޅުގަނޑަށް ފާހަގަވީ އަޅުގަނޑަށް ހީކުރެވުނީ ކުޑައިރު އަޅުގަނޑުމެން ކާނިވާތަކަށް ވަދެ ބިރުވެރި ހޮހަޅައަށް ވަދެ އުޅޭއިރު އުޅޭ ކަހަލަ ގޮތަކަށް. ދެން ދާނެ ދިމާލަށް ދެންވާނެ ގޮތެއް ނޭންގޭކަހަލަ އަދިރި ކަންތައްގަނޑެއްގެ ތެރެއަށް. " މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރ ވާހަަކަފުޅު ފައްޓަވަމުން ވިދާޅުވީ މި ކަންތަކަކީ ދިވެހި ތާރީޚުގައި ހިނގާފައިވާ ހަޑި މުޑުދާރު އަމަލެއް ކަމަށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއަށްވުރެން ވެސް މި މައްސަލަ މުޑުދާރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަބަބަކީ މިކަމުގެ ތެރޭގައި އިންސާނީ ކަރާމާތަށް އަރައިގަތުމާއި އިންސާނުންގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ބޮޑެތި އަމަލުތަކެއް ހިމެނޭތީއެވެ. އެހެންކަމުން އެ މިނިސްޓްރީން މިހާރު ފަށާފައިވާ މަސައްކަތަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމެވެ. އެ މަސައްކަތުގެ ދަށުން 43،000 ބިދޭސީން މިހާތަނަށް އައިއިރު ވަނީ ރަޖިސްޓްރީކޮށްފައެވެ. މީގެތެރެއިން ހަތަރުހާހެއްހާ ބިދޭސީން ވަނީ އެމީހުންގެ ގައުމަށް ފޮނުވާލާފައެވެ.
މިހާރު ބިދޭސީން ކުރިޔަށް ގެންދާ މުޒާހަރާތަކަށް އިޝާރާތް ކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެއީ ބަޔަކު ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް ކުރާކަމެއް ކަމަށެވެ.
މިއަދުގެ މި ހާލަތުގައި ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް ބިދޭސިން ބޭނުންކޮށްގެން މުޒާހަރާ ކުރުމާއި މިކަންކަން ކުރާ ކަމަކީ އެއީ އަޅުގަނޑުމެންނަށް އެނގޭ ހަގީގަތެއް. އެކަން ކުރާނީވެސް އެހެން. ސިޔާސީ ކަންކަން ކުރާނީ އެހެން. އެކަމަކު މިކަމުގައި ވިސްނުންތެރިކަމާއެކު ކުރަންޖެހޭ. ރައްޔިތުން މިކަމުގައި ކެތްތެރިކަން ގެންގުޅެންޖެހޭ. މިއީކީ އެއް ދުވަހުން ވެފައިވާ ކަމެއް ނޫން. މިކަން ހައްލުވާތަން ބުއްދި އާ ވިސްނުން ހުރި ކޮންމެ މީހަކަށް އެނގޭނެ މިކަމުގައި ރަނގަޅު ފިޔަވަޅުތަކެއް އުޅެމުންދާކަން. ބޭނުންވާ ސްޕީޑްގައި ބައެއް ފަހަރު ކަންކަން ނުކުރެވޭ. ރަނގަޅު ވާހަކައެއް. އަޅުގަނޑުމެންގެ ރިސޯސަސް ހުރި ވަރަކުން މިކަންކަން ކުރަމުން ދަނީ.ފައްޔާޒު އިސްމާއީލް/ އިކޮނޮމިކް މިނިސްޓަރ
މިނިސްޓަރ އިތުރަށް ވިދާޅުވީ ސިޔާސީ ފަރާތްތައް ކަމަށް މާނަކުރައްވަނީ ހަމައެކަނި އިދިކޮޅު ފަރާތްތައް ނޫންކަމަށެވެ.
ސިޔާސީ ބޭނުމަކަށްޓަކައި އެއްގޮތަކަށްވެސް މި އިނގިލި ދިއްކުރަނީ އިދިކޮޅު ފަރާތްތަކާ އެއްނޫން. ސިޔަސީ ބޭނުމަށް ވެސް ހުރެދާނެ އަދި އިދިކޮޅު ފަރާތް ނޫންނަމަވެސް މީގައި ބައިވެރިވަރު ކަންކަން އެބަހުރި. އޭގެތެރެއިން ހަލަބޮލިކަން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރެވޭ ކަމަށް ޝައްކުކުރެވޭ މި މުޒާހަރާތައް ކުރިޔަށް ގެންދިޔުމަށް. އެހެންވީމާ މިކަމަށް ހައްލެއް ގެނެވޭނެކަމަށް ބެލެވޭފައްޔާޒު އިސްމާއީލް/ އިކޮނޮމިކް މިނިސްޓަރ
މިނިސްޓަރ ވިދާޅުވީ އުނދަގުލާއެކުވެސް މިކަން ކުރިޔަށް ގެންދަވާނެ ކަމަށެވެ. ނަމަވެސް މިކަމުގައި މެމްބަރުންގެ އެއްބާރުލެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.
އަޅުގަނޑުމެން ކުރާ މަސައްކަތުގައި ހުރަސް އަޅާނެ ބައިވަރު މީހުން އެބަތިބި. ހުރަސް އަޅަމުން އެބަދޭ. އެކަން ތިބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައި ގަންނަވާނެ މިހާރު ސާފުވާނެ. އެހެންވީމާ އެކަންތައްތަކުގައި އަޅުގަނޑަށް އެއްބާރުލުން ދެއްވާށެ. ފުރުސަތު ދެއްވާށޭ މިކަން ކުރުމަށް. އެކަން އަޅުގަނޑަށް ނުވެއްޖެނަމަ ތިބޭފުޅުން އަޅުގަނޑާ ދޭތެރޭ އެޅޭނެ ފިޔަވަޅުތައް ޤާނޫނުގައި އެހުރީ. މިތަނަށް ގެނެސް އަޅުގަނޑު ވަޒީފާއިން ވަކިވެސް ކުރެވޭނެ.ފައްޔާޒު އިސްމާއީލް/ އިކޮނޮމިކް މިނިސްޓަރ
މިނިސްޓަރ ވިދާޅުވީ މިކަމުގައި މިނިސްޓަރ ހުށަހަޅުއްވާ ހުށަހެޅުންތައް އެއީ ރަނގަޅުކަމެއްގެ ގޮތުގައި މެމްބަރުން ގަބޫލުކުރައްވާ ކަމަށްވާނަމަ އެ ފުރުސަތު ދެއްވުމަށެވެ.
ކޮންމެއަކަސް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ލިބުން އެއީ ކޮންމެ ދިވެހި ރައްޔިތަކުވެސް ބޭނުންވާނެ ކަމެވެ. އެކަން ހައްލުކުރުމަށް ޤާނޫނާއި ގަވާއިދުގެ ތެރެއިން މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަކީ އެމީހުން ރަޖިސްޓްރީކޮށް އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުންނަށް އެފުރުސަތު ދިނުމެވެ. އެކަން ކުރަން އަދި ކިހާދުވަހެއް ނަގާނެކަމެއް ނޭނގެއެވެ. ނަމަވެސް މިނިސްޓަރ ވިދާޅުވަނީ މައްސަލަ ހައްލުވަންދެން މިކަންތައް ކުރިޔަށް ގެންދަވާނެ ކަަމަށެވެ.