ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އަލުން އެކުލަވާލަން ޖެހުނީ ދިވެހިރާއްޖޭގައި ޑިމޮކްރަސީ ގާއިމުކޮށް، ރާއްޖޭގެ ޖަލުތަކުގައި ކުރަމުންދާ އަނިޔާތައް ހުއްޓުވައި، އަދުލްއިންސާފު ގާއިމު ކުރުމަށެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމާއި، ގިނަ ސިޔާސީ ޕާޓީތަކުން ރިޔާސީ ކެންޑިޑޭޓުން ވާދަކޮށް، ރައީސްކަމުގެ މަގާމަށް ގެންނަވާނެ ބޭފުޅެއް ކަނޑައެޅުމަށް ދިވެހިރައްޔިތުންނަށް ހުޅުވާލުން ވެގެންދިޔައީ، ރާއްޖެ އިސްލާހީ މަގަށް އެޅުމުގެ ފެށުން ގޮތުގަ އެވެ. ނަމަވެސް އައު ގާނޫނުއަސާސީއަށް 12 އަހަރު ވާންދާއިރު، ރާއްޖެ އިސްލާހުވާތަން ފެންނަމުން ދާކަމާމެދު ދިވެހި ގިނަ ރައްޔިތުންގެ މެދުގައި ސުވާލު އުފެދެއެވެ.
ފުރަތަމަ، ފުލުހުންނާއި ސިފައިން މެދުވެރިކޮށް، އޭރުގެ އިދިކޮޅު، އަދި ކުރީގެ 30 އަހަރު ވެރިކަންކުރި ބޭފުޅުން ނިކުމެ، ކުރީ ބަޣާވާތެކެވެ. އެ ބަޣާވާތާއެކު، ދިވެހި ފުލުހުންގެ އަނިޔާވެރިކަން އިހުނަށްވުރެ ބޮޑުވެ، މަގުމަތިން، ރޯމާ ދުވާލު ފެންނަން ފެށިއެވެ. ބުނަން މިއުޅެނީ ރާއްޖެ އިސްލާހު ކުރަން ބޭނުންނަމަ، ފުރަތަމަ، ކަމަކަށް ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަންޖެހޭ ވާހަކައެވެ. އެއީ ދިވެހި ދައުލަތުގެ އެންމެ މުހިއްމު ތަންފީޒީ އިދާރާއެވެ. ގިނަ ކަންކަމުގެ ތަހުގީގުތައް ހިންގަނީ ފުލުހުންނެވެ.
ފުލުހުންގެ މުއައްސަސާގައި އިސްކޮށް ތިއްބެވި ގިނަ ބޭފުޅުންނަކީ، 20، 30 އަހަރު ފުލުހުންގެ ހިދްމަތުގައި އުޅުއްވި ބޭފުޅުންނެވެ. ގައުމު އިސްލާހު ނުކުރެވުނުތަނުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލަން އޭރު އިދިކޮޅު ސިޔާސީ ޕާޓީތަކުންކުރި ދަތުރުގައި އެންމެ އިސް ބައިވެރިޔަކީ ދިވެހި ފުލުހުންނެވެ. މިއީ މީހަކު ގަބޫލުކުރިއަސް ނުކުރިއަށް ހަގީގަތެވެ. އެއީ އަހަރުމެންގެ ދެ ލޯ ކުރިމަތިން ފެނުނު މަންޒަރެވެ. މީހަކު ދެއްކި ވާހަކައެއް ނޫނެވެ. ލޮލަށް ފެނުނު މަންޒަރުތަކާއި ކަންފަތަށް އިވުނު އަޑުތައް ދޮގެއް ނުކުރެވޭނެއެވެ.
މިހާތަނަށް ބެލިބެލުމުން، އަދި ބައެއް ފަރާތްތަކުން ވެސް ފުލުހުންގެ މުއައްސަސާގެ ތެރޭގައި އެމްޑީޕީއަށް ނުރުހޭ ގިނަ އަދަދެއްގެ އޮފިސަރުން އުޅެއެވެ. ނުރުހުމުގެ މައްސަލަ، އެއްފަރާތުގައި ބާއްވާށެވެ. މައްސަލައަކީ އަމަލުންވެސް އެކަން ދައްކާތީއެވެ. މާބޮޑަށް ޒާތީ ވަނީއެވެ.
މިހާރު ފުލުހުންގެ އެންމެ އިސް މަގާމު ފިޔަވާ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި އޮފިސަރުންނަށް ބެލިޔަސް އެކަން ވަރަށް ސާފުވާނެއެވެ. އެބޭފުޅުން 7 ފެބްރުއަރީ 2012 އާއި ޖެހިގެން އައި 8 ފެބްރުއަރީ އާއި އަދި ބަޣާވާތަކުން ވެރިކަން ވައްޓާލުމަށްފަހު، ވެރިކަމަަށް އަރާވަޑައިގެންނެވި، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރައި، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ކަންކަން ހިނގާފައިވާ ގޮތަށް ބަލެމުން ވަރަށް ރަނގަޅަށް މިބުނާ ކަންކަން ސާފުވާނެއެވެ.
އެެހެންކަމުން، އަނެއްކާވެސް، އެމްޑީޕީގެ ވެރިކަމެއް، ރާއްޖޭގައި އޮތުމަކީ، އެ ބޭފުޅުންގެ ލަގޮނޑިއަށް ކެއްވާވަރުގެ ކަމަކަށްވާނެ ކަމާމެދު، ޝައްކު އުފެދެއެވެ. މިއަދުވެސް، މިބުނާ އޮފިޝަރުން މަގާމުތަކުގައި ތިއްބެވިއިރު، އެ ބޭފުޅުންގެ އިހުލާސްތެރިކަން އަދިއެއް ނުފެނެއެވެ.
މާތަޖުރިބާކާރު އަދި 20، 30 އަހަރު ހިދްމަތް ކުރެއްވި ކަމަށް ބުނާ އެ އޮފިޝަރުންނަށް މިހާތަނަށް ގައުމަށް ކޮށްނުދެވުނު ކަމެއް، ކޮށްދެއްވަފާނެ ކަމަށްބަލާ، މަގާމުގައި ބައިތިއްބައިގެން، ޒަމާނުއްސުރެން ރާއްޖޭގައި ހިންގަމުންދާ ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާއާއި އަނިޔާދޭ މައްސަލަތަކަށް ހުއްޓުވޭނެ ކަމާމެދު ޝައްކު އުފެދޭތީއެވެ. އެއީ މިހާތަނަށް އެބޭފުޅުން ތިއްބަވައިގެން މިކަމަށް ހައްލެއް ގެނެވިފައިނުވާތީއެވެ.
ދެން ބުނަންވީ މިކަމުގައި ފުލުހުންނަށް ކުރެވޭނެ ކަމެއް ނެތޭ ހެއްޔެވެ. އަދި އެފަދަ ކުށްތައް ހުއްޓޭނީ، އެފަދަ ކުށްތައް ކުރާ މީހުން އެކަންކުރުން ހުއްޓާލި ދުވަހަކުންތޯއެވެ. އެެހެންކަމަށް ވާނަމަ، މިގައުމުގައި ފުލުހުން ތިބުމުގެ ބޭނުމެއް އެބައޮތްތޯއެވެ.
އަނެއް މައްސަލައަކީ، ބިދޭސީންގެ މައްސަލައެވެ. ރާއްޖޭގައި 2 ލައްކައަށްވުރެ ގިނަ ބިދޭސީން އުޅޭކަމަށް ބުނާއިރު، ސީދާ އަދަދެއް ދައުލަތުގެ އެއްވެސް އިދާރާއަކަށް ނޭނގެއެވެ. ގަވާއިދާ އެއްގޮތަށް 150،000 ބިދޭސީން އުޅޭ ކަމަށްބުނާއިރު، ގަވާއިދާ ހިލާފަށް 63،000 އެއްހާ ބިދޭސީން އުޅޭނެ ކަމަށް އިމިގްރޭޝަންނުން އަންދާޒާކޮށްފައިވާއިރު، އެއީ 213،000 ބިދޭސީންނެވެ.
ގިނަ ބިދޭސީން އުޅޭނީ ވެސް މާލެ ސަރަހައްދުގައެވެ. ފުރަ މާލޭގައި އުޅޭ ހުރިހާ ބިދޭސީން މަގު މައްޗަށް ނުކިމެއްޖެ ނަމަ ފުލުހުންނަށް، ކީއްކުރަން ސިފައިންނަށް ވެސް ކޮންޓްރޯލް ކުރަން އުނދަގޫވާނެއެވެ. މިއީ ގައުމަށް އޮތް ވަރަށް ބޮޑު ނުރައްލަކެއް ނޫންތޯއެވެ. ކަމެއް ކުރަންޖެހޭނީ އެކަމެއް، ކޮންޓްރޯލް ނުގެއްލޭ ގޮތަށެވެ. ނަމަވެސް ރާއްޖެއަށް ބިދޭސީން އެތެރެކޮށްފައި މިވަނީ ދިވެހި ދައުލަތަށް ކޮންޓްރޯލް ކުރެވޭ ވަރަށްވުރެ، މާބޮޑުތަނުންވެސް އިތުރަށެވެ.
ގަވާއިދާ ހިލާފަށް ބިދޭސީން ރާއްޖޭގައި އުޅޭއިރު، ފުލުހުން ވެސް އަދި ސިފައިންވެސް އަދި ދައުލަތުގެ އިސްވެރިން ވެސް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޯރުކޮށްދޭ ހިދްމަތް ހޯދުމަށްފަހު، އެމީހުންނަށް ފައިސާ ދެއެވެ. އެއީ ނޭނގިގެނެއް ނޫނެވެ. ނޭނގޭކަމަށް ހެދިގެންނެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ލައްވާ މަސައްކަން ނުކުރުވާ ފުލުސް އޮފިސަރަކު، އިމިގްރޭޝަންގެ އޮފިސަރަކު، ސިފައިންގެ އޮފިސަރަކު އަދި ދައުލަތުގެ އިސްވެރިޔަކު ވަރަށް މަދުވާނެއެވެ. އަދި މިފަދަ ބައެއް ފަރާތްތަކުން ހިންގާ ބައެއް ވިޔަފާރިތަކުގައި ލިޔެކިޔުމެއްނެތި އުޅޭ ބިދޭސީން، ގަވާއިދުގެ ތެރެއަށް ވެއްދުމެއްނެތި، ގެންގުޅޭ ކަން އެކަން ކުރާ ބަޔަކަށް ރަނގަޅަށް އިނގޭނެއެވެ.
މިހާރު މިފެންނަނީ، ބިދޭސީން މުޒާހަރާ ކުރާ މަންޒަރެވެ. މިއީ ދިވެހި ގައުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. ރާއްޖޭގައި، އެކިއެކި ކުންފުނިތަކަށް ހަދައިގެން ދިވެހިންނާ ގުޅިގެން ބިދޭސީން ވިޔަފާރި ކުރާއިރު، މިހެން ފާހަގަކުރެވޭ ގިނަ "ޖަރީމާތައް" ވެސް ހިންގަމުން ދެއެވެ.
ބިދޭސީންނަށް މުސާރަ ނުދިނުމަކީ ބޮޑު މައްސަލައެކެވެ. މުސާރަ ނުދީ މަސައްކަތްކުވާނަމަ، އެ ކުންފުންޏެއް ނުވަތަ އެމީހުން ހޯދައި ހަރުކަށި ފިޔަވަޅު އެޅަން ޖެހެއެވެ. މިއީ އިއްޔެއަކު މިއަދަކު ފެންމަތިވެގެން އުޅޭ މައްސަލައެއް ނޫނެވެ. މިކަންކަން ވެސް މިގައުމުގައި ބެލޭ ކަމަކަށް ނުވެއެވެ.
މި ގައުމުގައި އެންމެ ފުރިހަމައަށް ކުރެވޭ ކަމަކީ، ދިވެހި ފުލުހުން ނެރެ، ޕާކްކޮށްފައި ހުންނަ ސައިކަލްގައި ސްޓީކާ ޖެހުމެވެ. އެއަށް ވުރެ ފުރިހަމައަށް ދިވެހި ފުލުހުންނަށް ކުރެވޭ ކަމެއް ހަމަ ނެތްފަދައެވެ. ގަވާއިދާ ހިލާފަށް ބިދޭސީއަކު ސައިކަލް ދުއްވިޔަސް، ޕާކްކުރިއަސް، ކުރެވޭނެ ޖޫރިމަނާއެއްް ނެތެވެ.
ފުރަތަމަ ޖޫރިމަނާ ކުރާއިރު، ޖުރިމަނާ ކުރެވޭނީ ވެސް އެއީ ކޮންތާކު ކާކުކަންވެސް އެނގިގެންތާއެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ޖޯނާއާއި އަނިޔާ އަދި ފުރައްސާރަ ނުހުއްޓުވި، މުޅި ދައުލަތް މިވަނީ ފެއިލް ވެފައެވެ.
މި ރިޕޯޓް ނިންމާލަމުން، އަދި އެއްވާހަކައެއް ބުނެލާނަމެވެ. މީގެ ކުރިން ދިވެހިން ހާއްސަކޮށް އެމްޑީޕީއާއި އިސްލާހަށް މަސައްކަތްކުރި ފަރާތްތައް ވަރަށް ގިނައިން މުޒާހަރާތައް ކޮށްފައިވެއެވެ. މިހާތަނަށް ބޭއްވި އެކިއެކި މުޒާހަރާތަކުގައި ދިވެހި ފުލުހުންނަށް އަނިޔާވާ ވާހަކައަކީ، އަބަދު އިވޭ ވާހަކަތަކެކެވެ.
އޭގެ ތެރެއިން އެއް މުޒާހަރާއަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން، އެމްޑީޕީ ހިމެނޭގޮތަށް 2015 ވަނަ އަހަރު މޭޑޭގައި ބޭއްވި ބޮޑު މުޒާހަރާއެވެ. ގިނަ ބަޔަކު ހައްޔަރު ކުރިއިރު، އަދި ފުލުހަކަށް ހަމަލާދީގެން، ބަޔަކު ހައްޔަރުކޮށް ދައުވާ ކޮށް ޖަލަށް ވެސް ލިއެވެ. މި ބުނާ މުޒާހަރާގައި، އެބުނާ ފުލުސް މީހާއާ ދިމާލަށް އުކީ، ކުޑަ ފެންފުޅިއަކާއި ކުޑަ ކޯކް ފުޅިއަކާއި ބައްތި ފޯނެކެވެ. އެ މީހުންގެ މައްޗަށް އުފުލި ދައުވާތަކުގައި ވެސް އޮތީ، މި ތަކެއްޗަކީ ހަތިޔާރުގެ ގޮތުގައެވެ.
މި ބުނާ މުޒާހާރާގައި އަނިޔާވިކަމަށް ބުނާ ފުލުސް މީހާގެ ހަށިގަނޑު ވަށައިގެން، ބެންޑޭޖްކޮށްގެން، ސްރީލަންކާއަށް ވަގުތުން ފޮނުވާލިއެވެ. އަދި އެމީހާއަށް ފެންފުޅިންނާއި ފޯނުން ހަމަލާދިން ކަމަށް ބުނާ މީހުން ޖަލަށްލިއެވެ. ވަރަށް ހިތާމަވެރިއެވެ. އޭގެ ތެރެއިން އެކަކު ވަނީ ޖަލުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެފައެވެ. އޭނާ ނިޔާވި ކަމަށް ބުނަނީ ޖަލު ބަލަހައްޓާ ކަރެކްޝަނަލް ސަރވިސްއިން އޭނާއާމެދު އިހުމާލު ވުމުން ކަމަށްވެއެވެ.
މިހާރު ދިވެހިން ނުވަތަ އިދިކޮޅަކުން މުޒާހަރާއެއް ނުކުރެއެވެ. މިހާރު މުޒާހަރާ ކުރަނީ ރާއްޖޭގައި އުޅޭ ބިދޭސީންނެވެ. އެމީހުން ފުލުހުންނާ ދިމާލަށް އުކަނީ ގަލާއި، ލަޓިބުރިއާއި، ދަގަނޑުބުރިއާއި މިފަދަ ތަކެއްޗެވެ. ބިދޭސީން ކުރާ ބައެއް މުޒާހަރާތަކުން ފުލުހުންނަށާއި ފުލުހުންގެ ވެހިކަލަށް ގެންލުންވާކަމަށް ބުނެއެވެ.
ނަމަވެސް މިހާރު، އަނިޔާވިޔަސް، ފުލުހުން ބޭސްފަރުވާއަށް ބޭރަކަށް ނުފޮނުވަ އެވެ. އެއްގޮތަކީ، އެ ފުލުހުންނަށް ބޭރުން ފަރުވާ ދޭންޖެހޭ ވަރަށް އަނިޔާ އަދި ނުވަނީއެވެ. އަނެއް ގޮތަކީ، ބިދޭސީން ފުލުހުންނަށް ހަމަލާދޭން އުކާ، ދަގަނޑު ބުރިއާއި ލަޑިބުރިއާއި، ސިމެންތި ގާބުރިތަކަކީ، ފެންފުޅި އާއި ފޯނު ފަދަ ތަކެތި، ދިވެހިން ގެންގުޅާ އާލާލްތަކާ އަޅާކިޔާއިރު މަޑު ތަކެއްޗަށް ވަނީއެވެ. މާނައަކީ، އެވަރަށް އަނިޔާ ނުވަނީއެވެ.
މިކަހަލަ ކިތައްމެ ޑްރާމާއެއް ވޭތުވެދިޔަ، 10 ވަރަކަށް އަހަރު މިވަނީ ފެނިފައެވެ. ހަގީގަތަކީ ވެސް އެއީއެވެ. ގިނައީ ކުޅުނު ޑްރާމާތަކެވެ. ގާނޫނު ތަންފީޒު ކުރަން ތިބި، ފުލުހުން ނިކުވެ، ބަޣާވާތެއްކޮށް، އޭރު ވެރިކަމުގައި ހުންނެވި ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވި، އޮފިސަރުން މިހާރުވެސް ފުލުހުންގެ މުއައްސަސާގެ ވެރިންގެ ގޮތުގައި އެބަތިއްބެވެ.
އޭގެ ތެރެއިން މިހާރު ޑެޕިއުޓި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އޮފިސަރަކީ، ރައީސް ނަޝީދު ޖަލަށްލުމަށް ކުރި ހުކުމުގައި ހެކިބަސް ވެސް ދެއްވި އޮފިސަރެކެވެ. ދެން ހުންނެވި އެސިސްޓަންޓް ކޮމިޝަނަރަކީ، ރައީސް ނަޝީދު ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވި، ބޭފުޅާ މަގާމުގައި ހުންނަވަނިކޮށް، އަމިއްލައަށް ތިމަންނާއަކީ އެކްޓިންގ ޕޮލިސް ކޮމިޝަނުރުކަމަށް ވިދާޅުވެ ކޮމާންޑް ކުރެއްވި އޮފިސަރެކެވެ.
މިހާލަތުގައި އޮތް ފުލުހުންގެ މަތިފަޑިއެއް މެދުވެރިކޮށް، ރާއްޖޭގެ ހަމަމަގަށް އެޅުވޭނެތޯއެވެ. ރާއްޖެ މިދާ މިސްރާބާމެދު ވިސްނާކަށް ނުވޭތޯއެވެ. އޮފިސަރުންނާއި ނުފުޒުގަދަ މުއްސަދިންނާއި، ސިޔާސީ ނުފޫޒު އޮތް ފަރާތްތަކުން ބޭނުންހާ ގޮތެއް ހައްދަވަން އުޅެން ހަދައިގެން، އެއްވެސް ސަރުކާރަކަށް ހަމަނޭވާ ލެވޭހެނެއް ހިޔެއް ނުވެއެވެ.