ކ. މާލެ
|
13 ޖުލައި 2020 | ހޯމަ 14:25
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ސިޓީއަށް ކުޅެވޭނެ
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ސިޓީއަށް ކުޅެވޭނެ
ގެޓީ އިމޭޖަސް
ސިޓީގެ ސަސްޕެންޝަން އުވާލުން
ސިޓީގެ ސަސްޕެންޝަން ސީއޭއެސްއިން އުވާލައިފި
ޔުއެފާއިން ވަނީ ކުރިޔަށް އޮތް ދެ ސީޒަނަށް ޔޫރަޕްގެ މުބާރާތްތަކުން ސިޓީ ސަސްޕެންޑް ކޮށްފައި
މި ސަސްޕެންޝަން ސީއޭއެސްއިން އުވާލީ މައްސަލަ ބެލުމަށްފަހު
ސީއޭއެސްއިން ވަނީ ސިޓީގެ ޖޫރިމަނާވެސް ކުޑަކޮށްދީފައި

ޔުއެފާއިން މެންޗެސްޓާ ސިޓީއަށް ދިން ސަސްޕެންޝަން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ން އުވާލައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހު ޔުއެފާއިން ވަނީ ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ) ގަވާއިދާ ސިޓީން ޚިލާފުވެފައި ވާތީ އެ ކްލަބު ޔޫރަޕުގެ މުބާރާތްތަކުން ކުރިއަށް އޮތް ދެ ސީޒަނަށް ސަސްޕެންޑް ކުރަން ނިންމާފައެވެ. މީގެ އިތުރުން ޔުއެފާ އިން ވަނީ އެޓީމު 30 މިލިޔަން ޔޫރޯ އިން ޖޫރިމަނާވެސް ކޮށްފައެވެ.

މި މައްސަލަ ސިޓީން ސީއޭއެސްގައި އިސްތިއުނާފު ކުރިއިރު، މި މައްސަލައިގެ އަޑު އެހުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖޫން މަހުގެ އަށްވަނަ ދުވަހު ސީއޭއެސްއިން ފެށިއއެވެ. އަދި ހޯމަ ދުވަހު ސީއޭއެސްއިން ވަނީ ސިޓީގެ ސަސްޕެންޝަން އުވާލަން ނިންމާފައެވެ. އަދި ވަނީ ސިޓީގެ ޖޫރިމަނާ 30 މިލިޔަން ޔޫރޯއިން 10 މިލިޔަން ޔޫރޯއަށް ކުޑަކޮށްދީފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން 5-0 ން ބްރައިޓަން ބަލިކުރުމަށް ފަހު ސިޓީ ވަނީ ލީގުގެ ދެވަނަ ކަށަވަރުކޮށްފައެވެ. އެހެންކަމުން ސީއޭއެސްގެ ނިންމުމާއެކު ލީގުގެ ދެވަނައިގެ ހައިިސިއްޔަތުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ސިޓީއަށް ވަނީ ޔަގީންވެފައެވެ.

މީގެ ކުރިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މި މައްސަލަ ސިޓީއާ އެއްކޮޅަށް ނިމޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އެބައޮތް ކަމަށް ބުނެފައެވެ. އަދި ސިޓީ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދީފައިވާ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ވަނީ މި މައްސަލަ ސިޓީއާ އެއްކޮޅަށް ނިމިއްޖެނަމަ، އޭނާ އެ ކްލަބުގައި މަޑުކުރާނެ ކަމަށް ބުނެފައެވެ.

އެފްއެފްޕީ ގަވާއިދާ ޚިލާފުވުމުން ޔުއެފާއިން ސިޓީއަށް ދިން އަދަބު ސީއޭއެސްއިން އުވާލިއިރު، އެފްއެފްޕީ ގަވާއިދާ ޚިލާފުވެގެން ޔުއެފާއިން މީގެ ކުރިންވެސް ވަނީ ސިޓީއަށް 2014 ވަނަ އަހަރު ފިޔަވަޅު އަޅާފައެވެ. އެ ފަހަރު 49 މިލިއަން ޕައުންޑުން ޖޫރިމަނާ ކުރުމަށް ފަހު، އެ އަހަރުގެ ޗެމްޕިއަންސް ލީގުގައި ސިޓީގެ ސްކޮޑު މަދުކުރަން ޔުއެފާއިން ނިންމިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް