މޯލްޑިވްސް އިމިގްރޭޝަންގެ ތެރެއިން މަސައްކަތްކުރަނީ ބިދޭސީންގެ މައްސަލަ ހައްލުވިޔަ ނުދޭން ކަމަށާއި، އިމިގްރޭޝަންގައި ތިބި އެފަދަ ވެރިންނާމެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ގޮވާލައްވައިފިއެވެ.
ގަވާއިދާ ޚިލާފަށް އެތެރެފައިވާ ބިދޭސީން މެދުވެރިކޮށް ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާތެރިވާ ގޮތަށް ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ކުރިމަތިލާ މުދަލަށް ގެއްލުންދިނުމަށް ހިތްވަރު ލިބޭގޮތަށް އަމަލުކުރަމުންދާތީ އެކަން ކުށްވެރިކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ވިސާމް ވިދާޅުވީ، ބިދޭސީންގެ މައްސަލަ ސީރިއަސް ވެގެން އުޅެންވީ ފުލުހުންނާ ކުރިމަތިލި ހިސާބުން ނޫން ކަމަށާއި ބިދޭސީންގެ މައްސަލައަކީ މާކުރިންވެސް ހައްލުކުރަންޖެހި، ނުކުރެވިފައިވާ މައްސަލައެއް ބޮޑު މައްސަލައެއް ކަމަށެވެ.
ތަފާސްހިސާބަށް ބަލާއިރު، އެކިއެކި ރަށްތަކުގައި، ބިދޭސީން ބިދޭސީންނާ ކުރިމަތިލާ މަރާފައި އެބަހުރި. މިފަދަ ކިތައްމެ ހިނގާފައިހުރިއިރުވެސް އޭރުގައި މާބޮޑު ސަމާލުކަމެއް ދީފަނުވާކަން ފާހަގަކުރަން. 2019 ވަނަ އަހަރު އިމިގްރޭޝަންގެ ފަރާތުން 15 ކުންފުންޏެއް (ބިދޭސީން ގެންނަ އެޖެންސީ) ގަވާއިދާ ހިލާފަށް ބިދޭސީން އެތެރެ ކުރާކަމަށްބުނެ އާންމުކޮށްފައިވޭ. އަދި އިމިގްރޭޝަންގެ ފަރާތުން، މައުލޫމާތު ދީފައިވޭ، 4 މައްސަލައެއް ފުލުހަށް އޭރު ހުށަހެޅި، ދައުވާ ކުރުމަށް ތައްޔާރުވެފައި އޮތްކަމަށް. އަދި 40 އަށްވުރެ ގިނަ މައްސަލަ މިހާރުވެސް ބަލަމުންދާ ކަމަށާއި، އަދި އިތުރު 40 އަށްވުރެ ގިނަ މައްސަލަ ބެލުމަށް ތައްޔާރުވެފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވޭރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
ވިސާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކަށީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ޓާސްކްފޯސްއެއް ހަދައި، ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، އެކިއެކި ގޮތްގޮތުން މަސައްކަތް ކުރައްވާފައިވާކަން ވިސާމް ފާހަގަކުރެއްވިއެވެ.
ނަމަވެސް، ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، އިމިގްރޭޝަންގައި ތިބި ނުފޫޒުފަދަ ވެރިންގެ ސަބަބުން އެމަސައްކަތްތަކަށް ހުރަސް އެޅެމުންދާ ކަމަށް ވިސާމް ވިދާޅުވިއެވެ. އެހެންކަމުން އެފަރާތްތައް މަގާމުން އެކަހެރިކޮށް، އެ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް ކަމާބެހޭ އިދާރާތަކަށް ވިސާމް ވަނީ ގޮވާލައްވާފައެވެ.
މިފަދަ ގިނަ މައްސަލަތަކެއް ހުރިއިރު، ހަގީގަތުގައި ފުލުހުންގެ ފަރާތުންވެސް އެބަޖެހޭ މިމައްސަލަތައް ގޮސްފައިވާ ހިސާބު ރައްޔިތުންނަށް ސާފުކޮށްދޭން، އަދި މިކަމުގައި ޝާމިލްވަނީ ކޮންކޮން ފަރާތްތަކެއްކަން އެބަޖެހޭ އެނގެން. ހަގީގަތުގައި އިމިގްރޭޝަންގެ ތެރޭގައި ހުރި މޫތައް (ބިދޭސީންގެ އެތެރެކުރުމުގައި އުޅޭ) ލުހެލާ މިމައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތްކުރާއިރު، މިވަގުތުވެސް އިމިގްރޭޝަންގެ ތެރެއިން މަސައްކަތްކުރަނީ މިމައްސަލަ ވިޔަނުދިނުމަށްކަމަށް އަޅުގަނޑު ފާހަގަކޮށްލަން. މީގެ އެއްހެކި އެއީ ގާވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު އަދި މަނީ ލޯންޑަރިންގއަށް ތުހުމަތު ކުރެވޭ ބިދޭސީއަކު ޑީޕޯޓްކޮށްލި މައްސަލަރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
ވިސާމު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެ، މަނީ ލޯންޑަރިންގ ފަދަ ބޮޑެތި ޖިނާއީ އަމަލުތައް ހިންގާ މީހުން ޑީޕޯޓް ކޮށްލުމަކުން މައްސަލައަށް ހައްލެއް ނާންނާނެ ކަމަށާއި، އެފަދަ މީހުންނާއި އެމީހުންނާއެކު، ބައިވެރިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި މިކަންކަމުގައި އިމިގްރޭޝަންގެ ވަޒީފާގައި އުޅޭ ނުވަތަ ކުރިން އުޅުނު ފަރާތެއްވިޔަސް އެފަރާތްތަކުގެ މައްޗަށް ތަހުގީގު ހިންގުމަށް ވިސާމް ވަނީ ގޮވާލައްވާފައެވެ.
މިވަގުތު ވެސް އިމިގްރޭޝަންގެ ވަޒީފާގައި އެފަދަ ތުހުމަތު ކުރެވޭ މީހުން އެބައުޅޭ ކަމަށާއި، އެފަދަ ބަޔަކު އިމިގްރޭޝަންގެ ވަޒީފާގައި އުޅޭނަމަ، އެ މީހަކު ވަޒީފާއިން އެކަހެރިކޮށް، އެމައްސަލަތައް ފުލުހުން ތަހުގީގު ކުރުމަށް ވިސާމް ވަނީ ގޮވާލައްވާފައެވެ.
ރާއްޖޭގައި ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ މައްސަލަ އިތުރަށް ގޯސްވެގެން ދިޔައީ ކޮވިޑުގެ ސަބަބުން ކުންފުނިތަކުގެ މާލީ ހާލަތު ދަށަށް ގޮސް، ގިނަ އަދަދެއްގެ މުވައްޒަފުންނަށް މުސާރަ ނުދީ ކުންފުނިތަކުން މަސައްކަތް ކުރުވުމާއި ގުޅިގެންނެވެ. މިފަހުން ބިދޭސީން ކުރި ދެތިން އިހުތިޖާޖެއް ނުރައްކާތެރި މުޒާހަރާތަކަށް ބަދަލުވެގެން ގޮސް، މުދަލާއި ތަކެއްޗަށް ގެއްލުން ދީފައިވެއެވެ.