ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. ޢަލީ ޝަމީމް އެމަގާމުން އިސްތިއުފާދެއްވައިފި އެވެ.
ޑރ ޝަމީމް އިސްތިއުފާ ދެއްވާފައިވާކަން ހާމަކުރެއްވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ހޯމަ ދުވަހުގެ ޖަލްސާއަށް ސީއެސްސީގެ ރައީސް ހިމެނޭ ގޮތަށް ތިން މެމްބަރުން ކޮމިޝަންގެ މަގާމުން ވަކިކުރުމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ސީއެސްސީގެ ރައީސް އިސްތިއުފާ ދެއްވާފައިވާކަން އަންގަވާ މަޖިލީހުގެ އިދާރާއަށް ހޯމަ ދުވަހުގެ ހެނދުނު ސިޓީ އެއް ފޮނުއްވާފައިވާކަމަށެވެ. އެހެންކަމުން ހޯމަ ދުވަހުގެ ޖަލްސާގައި ދެން ވޯޓަށް އަހާނީ ބާކީ ހުރި ނަންތަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މިމައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވަނީ އާމިރާ ފިޔަވައި ކޮމިޝަންގައި ދެން ތިއްބެވި މެމްބަރުން ވަކިކުރުމަށް ކޮމިޓީން ފާސްކުރާ ކަމަށެވެ. ކޮމިޓީން ވަނީ އާމިރާއަށް ތުހުމަތުކުރެވުނު ކަންތައްތަކާއި ގުޅިގެން މައްސަލަތައް ސާފުކޮށް އާމިރާ ވަކިކުރަންޖެހޭ ސަބައެއް ނެތްކަމަށް ނިންމާފައެވެ. އާމިރާ އާ ގުޅުންހުރި ކަންކަން ބެލުމަށް ކޮމިޓީން ވަނީ އާމިރާ އަށް ލިޔުމުން ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައެވެ.
ކޮމިޓީ ރިޕޯޓްގައި މިކަމުގައި ކޮމިޓީއަށް ފާހަގަކުރެވޭ 9 ކަމެއް ވަނީ ފާހަގަކޮށްފަ އެވެ.
ސީއެސްސީގެ ރައީސް އިސްތިއުފާ ދެއްވާފައިވާއިރު އާދިއްތަ ދުވަހު ވަނީ އެޗްއާރުސީއެމްގެ ރައީސް އާއި އިތުރު މެމްބަރަކު އަދި ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ތިން މެމްބަރަކުވެސް ވަނީ އިސްތިއުފާދެއްވާފަ އެވެ. އެންއީސީގެ ތިން މެމްބަަރަކު މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ އެ ތިން މެމްބަރުންގެ އިތުރުން އެ ކޮމިޝަންގެ ރައިސް އަހްމަދު ސުލައިމާނު ވަކި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށެވެ. މި ހަތަރު މެންބަރުންނަކީ ރައީސް ޔާމީންގެ ސަރުކާރުގައި އެ ކޮމިޝަނަށް އައްޔަން ކޮށްފައި ތިބި ހަތަރު މެންބަރުންނެވެ.