ބޮލީވުޑްގެ މެގަރ ސްޓަރ އަމީތާބް ބަޗަން އާއި އޭނާގެ ފިރިހެން ދަރިފުޅު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާހޯދަމުން އަންނަނިކޮށް ޅީދަރި އައިޝްވާރިޔާ ރާއީ ބަޗަން އާއި ކާފަ ދަރިފުޅު އަރާދްޔާ ބަޗަން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އަބީޝޭކާއި އަމީތާބް ހޮނިހިރު ދުވަހުގެ ރޭ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މުމްބާއިގެ ނަނަވާތީ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އަމީތާބް އާއި އަބީޝޭކް ޕޮޒިޓިވްވުމާއި ގުޅިގެން މީހުންނާ ގުޅުން ހުރި އާއިލާގެ މީހުންނާއި މުވައްޒަފުން އަންނަނީ ވައިރަސް އަށް ޓެސްޓް ކުރަމުންނެވެ. އެގޮތުން ޓެސްޓް ކުރަމުން އަންނަނިކޮށް އައިޝްވާރިއާ އާއި 8 އަހަރުގެ ދަރިފުޅު ކޮވިޑް-19 އަށް ޕޮޒިޓިވްވަކަން އެނގުނީ އާދިއްތަ ދުވަހު ހެދި ދެވަނަ ޓެސްޓުންނެވެ. ފުރަތަމަ ޓެސްޓުން މި ދެ މައިންގެ ޓެސްޓް ނެގެޓިވްވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މީގެއިތުރުން ފުރަތަމަ ޓެސްޓުން އަމީތާބްގެ އަންހެނުން ޖާޔާ ބަޗަންވެސް ނެގެޓިވް ވެފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
މަހަރަޝްތްރައިގެ ހެލްތު މިނިސްޓަރ ވަނީ ބޮލީވުޑްގެ އެކްޓްރެސް އައިޝްވާރިޔާ އާއި ދަރިފުޅު އަރާދްޔާ ވައިރަސް އަށް ޕޮޒިޓިވްވެފައިވާކަން ޔަގީންކޮށްދެއްވާފަ އެވެ. ނަމަވެސް ޖާޔާގެ ޓެސްޓް ނެގެޓިވް ކަަމަށް އެ ސްޓޭޓްގެ ހެލްތު މިނިސްޓަރ ވިދާޅުވި އެވެ.
ބަޗަން އާއިލާގެ ގިނަ ބަޔަކު ވަކިން ޚާއްސަކޮށް އެތައް ބަޔެއްގެ ލޯތްބާއި ސަޕޯޓް އޮތް ބަޔަކު ވައިރަސް އަށް ޕޮޒިޓިވްވުމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމީހުންގެ ފޭނުންނާއި ހެޔޮއެދޭ މީހުން އަންނަނީ ބަޗަން އާއިލާއަށް އަވަސް ޝިފާއެއް ދިނުމަށް އެދި ޝުއޫރުތައް ސޯޝަލް މީޑިޔާގައި ބަންޑުން ކުރަމުންނެވެ.
މުމްބާއީ އަކީ އިންޑިޔާގައި މިހާރު އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުންދާ މަހާރަޝްތްރަ ސްޓޭޓަށް ނިސްބަތްވާ ސިޓީ އެކެވެ. މުމްބާއީގެ ގިނަ ބަޔަކު ވައިރަސް އަށް ޕޮޒިޓިވްވަމުން އަންނައިރު ބޮލީވުޑްގެ އޭ ލިސްޓްގައި ހިމެނޭ ތަރިން ވައިރަސް އަށް ޕޮޒިޓިވްވެގެން ވަކިން ޚާއްސަކޮށް އޭލިސްޓުގެ އާއިލާއެއްގެ ގިނަ ބަޔަކު ވައިރަސް އަށް ޕޮޒިޓިވްވެގެން މިއީ ރިޕޯޓްކުރާ ފުރަތަމަ ފަހަރެވެ.