ރާއްޖޭގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު އޮތުމާއެކު މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އާދިއްތަ ދުވަހުގެ މެންދުރު ފަހު 15:30 ން ފެށިގެން އިރުއޮއްސި 19:30 އާ ހަމައަށް ހއ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވައިޓް އެލަރޓް ނެރޭކަމަށެވެ.
މީގެއިތުރުން ހޯމަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން އަދި އެހެންހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން، ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓާ ދެމެދު ހުންނާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށާއި އެހެން ކަމުން އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާއި ހަމައަށް ފޯރާނެ ކަމަށް ލަފާ ކުރެވޭތީވެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހުކުރު ދުވަހު ވަނީ ހާމަކޮށްފައެވެ.