މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން ރަޖިސްޓްރީ ވުމަށް ހުޅުވާލި މުއްދަތު ހަމަވެއްޖެއެވެ.
ކޮވިޑް-19 ފެތުރޭތީ މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންނަށެވެ. ސައުދީން ބޭރު އެއްވެސް ގައުމެއްގެ މީހަކަށް މިއަހަރު ހައްޖަށް ސައުދީ އަށް ދިޔުމުގެ ފުރުސަތު ނުދިނުމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ.
ސައުދީން ބުނެފައިވަނީ މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ ތެރެއިން 70 އިންސައްތަ މީހުންނަކީ އެގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން ކަމަށެވެ. އަދި 30 އިންސައްތަ އަކީ އެގައުމުގެ ރައްޔިތުން ކަމަށެވެ. ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ ރައްކާތެރިކަމަށްޓަކައި ހައްޖުގައި ބައިވެރިވާ މީހުންގެ އަދަދު ވެސް ވަނީ 10،000ށް މަދުކޮށްފައެވެ.
ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން ކުރަން ބޭނުންވާ މީހުންނަށް ރަޖިސްޓްރީ ވުމުގެ މުއްދަތު ހަމަވެފައިވަނީ ހުކުރު ދުވަހުއެވެ. އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ކޮންމެ މީހަކުވެސް ބޮޑު ބައްޔެއް ނެތްކަމުގެ ލިޔުމަކާއި ވައިރަސް ނެތްކަން އަންގައިދޭ ޕީސީއާރު ޓެސްޓުގެ ނަތީޖާ ހުށަހަޅަންޖެހެއެވެ. އަދި އެމީހަކީ ކުރިން ހައްޖެއް ކޮށްފައިވާ މީހަކަށް ވެގެންނުވާނެއެވެ. އަދި 20 އަހަރާއި 50 އަހަރާއި ދެމެދުގެ މީހަކަށް ވެސް ވާންޖެހޭއިރު ހައްޖުގެ އަޅުކަން ފެށުމުގެ ކުރިންނާއި ފަހުން ކަރަންޓީނުވާން ޖެހޭނެ ކަމަށް ލިޔުމެއްގައި ސޮއިކުރަން ޖެހޭނެއެވެ.
ސައުދީގެ ހައްޖު އަދި އުމްރާ މިނިސްޓްރީން ބުނީ މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނީ ސިއްހީ ގޮތުން ރަނގަޅު މީހުންނަށް ކަމަށެވެ.
ކޮންމެ އަހަރަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެ މިލިއަނަށްވުރެ ގިނަ މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދެއެވެ.