ނޭޕާލަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 40 މީހުން މަރުވެ އެތައް ބަޔަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފިއެވެ.
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ އާއި 200 ކިލޯމީޓަރު ދުރުގައި އޮންނަ މިޔަގަޑި ޑިސްޓްރިކްޓުން މި ހާދިސާތަކުގައި 20 މީހަކު މަރުވެ 13 މީހަކު ގެއްލިފައިވާ ކަމަށް އެޑިސްޓްރިކްޓުން ބުނެއެވެ. އަދި އެތައް ގެޔެއް ހަލާކުވެފައިވާ ކަމަށް ވެސް އެޑިސްޓްރިކްޓުން ބުނެއެވެ.
ޑިސްޓްރިކްޓުން 50 މީހަކު ރައްކާތެރި ހިސާބުތަކަށް ގެންދެވިފައިވާ ކަމަށާއި އަދިވެސް ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިސްޓްރިކްޓްގެ އެޑްމިނިސްޓްރޭޓަރ ގިޔަން ދަކަލް ވަނީ ބުނެފައެވެ. އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން އެކިވަރުގެ އަނިޔާތައް ލިބިފައިވާ 11 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ދަކަލް ބުނެއެވެ.
ނޭޕާލުގެ ދެކުނުން އިންޑިޔާގެ ބޯޑަރު ހިއްސާ ކުރާ ކޮޝި ކޯރު ވިއްސާރައިގެ ސަބަބުން ވަނީ ބަންޑުންވެ އިންޑިޔާގެ އިރުމަތީ ބިހާރް ސްޓޭޓަށް ކޮންމެ އަހަރަކުވެސް ފެންބޮޑުވުމުގެ ބޮޑެތި ހާދިސާތައް ކުރިމަތިވެއެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމާއި ފެންބޮޑުވުމަކީ ފަރުބަދީ މަތީ ނޭޕާލަށް ކޮންމެ އަހަރަކުވެސް ދިމާވާ ކަމެކެވެ. ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުން ފެށިގެން ސެޕްޓެމްބަރ މަހާ ހަމައަށް އެ ގައުމަށް ބޯކޮށް ވާރޭވެހެއެވެ.