ރާއްޖޭގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު އޮތުމާއެކު މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 02:30 ން ފެށިގެން ހެނދުނު 06:30 އާ ހަމައަށް ހއ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވައިޓް އެލަރޓް ނެރޭކަމަށެވެ.
މީގެއިތުރުން އާދިއްތަ ދުވަހުގެ ރޭ 8:00 މާ ހަމައަށް އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން އަދި އެހެންހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން، ގަޑިއަކު 07 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ބައެެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާއި ހަމައަށް ފޯރާނެ ކަމަށް ލަފާ ކުރެވޭތީވެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހުކުރު ދުވަހު ވަނީ ހާމަކޮށްފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ ބުނީ ރާއްޖެއާއި ދުރުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާއި ހަމައަށް ފޯރާނެ ކަމަށް ލަފާ ކުރެވޭތީވެ، ކުރިއަށް އޮތް ދެ ދުވަހު ވެސް ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ޚާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މިކަމުގެ އަސަރު ބޮޑުވެގެންދާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މޫސުމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް އިލްތިމާސްކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ޚާއްސަކޮށް ގޮނޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ މީހުންނާއި، މޫދަށް އެރި އުޅުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.
ރާއްޖޭގެ ބައެއް ރަށްރަށަށް އުދަ އަރާ ރަށްރަށުގައި ފެން ބޮޑުވުމުގެ ހާދިސާތައް ހުކުރު އަދި ހޮނިހިރު ދުވަހު ވަނީ ހިނގާފަ އެވެ.