ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 20:08
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން އަދި އަންހެން ޓީމު
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން އަދި އަންހެން ޓީމު
ޓީޓީ އެސޯސިއޭޝަން
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި
އަންހެން ޓީމު ވަނީ ކުޅުނު ތިން މެޗުވެސް ބަލިވެފަ
ފިރިހެން ޓީމު ވަނީ ކުޅުނު ހަތަރު މެޗުންވެސް ބަލިވެފަ

 ބާވީސް ވަނަ  އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ޓީމް އިވެންޓު ބައިން ރާއްޖޭގެ ފިރިހެން އަދި އަންހެން ޓީމު ކަޓައިފި އެވެ.

ޗައިނާގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމު ޖުމްލަ ހަތަރު މެޗު ކުޅެފައިވާއިރު، އެ ހަތަރު މެޗުންވެސް ވަނީ ބަލިވެފައެވެ.

ފިރިހެން ޓީމު ބަލިވީ ކަޒަކިސްތާން، ޔޫއޭއީ، ބަންގްލަދޭޝް އަދި ލެބްނާން އަތުންނެވެ. މީގެ ތެރެއިން ޔޫއޭއީ، ބަންގްލަދޭޝް އަދި ލެބްނާން އަތުން ފިރިހެން ޓީމު ބަލިވެފައިވަނީ ވާދަވެރި ކުޅުމަކަށް ފަހު ތިން ސެޓް ދެ ސެޓުންނެވެ. އެހެންނަމަވެސް ކަޒަކިސްތާން އަދި ފިރިހެން ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.

މުބާރާތުގައި ވާދަކުރި ރާއްޖޭ އަންހެން ޓީމު ތިން މެޗު ކުޅެފައިވާއިރު، އެ ތިން މެޗުންވެސް އަންހެން ޓީމު ވަނީ ބަލިވެފައެވެ. އެގޮތުން މި ތިން މެޗުންވެސް އަންހެން ޓީމު ބަލިވީ ތިން ސެޓުންނެވެ. އަންހެން ޓީމު މުބާރާތުގައި ވާދަކޮށްފައިވަނީ ސްރީލަންކާ، އުޒްބަކިސްތާން އަދި އިންޑިއާއާ އެވެ.

މި މުބާރާތުގެ ޓީމު އިވެންޓުގައި ރާއްޖޭ ކުޅުންތެރިން މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި، ބަންގްލަދޭޝް އަދި ޔޫއޭއީއާ ދެކޮޅަށް ފިރިހެން ޓީމު ދެއްކީ މޮޅު ކުޅުމެއް ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެއެވެ. މީގެއިތުރުން ޔޫއޭއީ އަތުން ފިރިހެން ޓީމު ބަލިވީ ނަސީބު ނެތުމުންކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

އެސޯސިއޭޝަނުން ބުނީ މުބާރާތުގައި ވާދަކުރި ރަފާ އަދި ޝައްފާން ފަދަ ޒުވާން ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާ ކަމަށާއި، އެ ކުޅުންތެރިންގެ މުސްތަގުބަލު ވަރަށް އުޖާލާ ކަމަށެވެ.

މުބާރާތުގައި އިންޑިވިޖުއަލް ބައިންވެސް ރާއްޖޭ ކުޅުންތެރިން ވާދަކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް