އެމެރިކާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވް ވި ދުވަހަކީ ހުކުރު ދުވަސް ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ހުކުރު ދުވަހު އެކަނި އެގައުމުން ވަނީ 62,500 ވުރެ ގިނަ އައު ކޭސް ރިޕޯޓުކޮށްފައެވެ. މިއީ އެ ގައުމުން ކޮވިޑް-19ގެ ކޭސްތައް ހަލުވިކަމާއި އެކު ފެތުރެން ފެށިފަހުން ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.
ދުވާލެއްގެ މައްޗަށް 60،000 ވުރެން ގިނަ ކޭސްތައް އެވެރެޖްކޮށް އެމެރިކާއިން ފެންނައިރު، 24 ގަޑިއިރު ތެރޭގައި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ދެވަނައަށް އެންމެ ގިނައިން ރިޕޯޓު ކުރަނީވެސް އެމެރިކާއިންނެވެ.
އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާނަމަ، ހުކުރު ދުވަހު އެކަނި އެގައުމުން ވަނީ، 829 މީހަކު ބަލިޖެހިގެން މަރުވެފައެވެ. މަރުވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ، ބްރެޒިލްއެވެ. އެ ގައުމުން އެއް ދުވަހުގެ ތެރޭގައި 1270 މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓްކުރެވިފައެވެ.
ޖުމްލަ ކޭސްތަކުގެ އަދަދަށް ބަލާނަމަ، އެމެރިކާއިން ޖުމްލަ 3،291،000 ކޭސް ރިޕޯޓުކޮށްފައިވާއިރު، މި ބަލީގައި އެ ގައުމުން 136،000ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 1،460،000 ވުރެ ގިނަ މީހުން ބަލިން ފަސޭހަވެފައި ވާއިރު, މި ވަގުތަށް އެކްޓިވްކޮށް ފަރުވާ ދެމުން އަންނަނީ 1،690،00 މީހަކަށެވެ.
ވައިރަސް ކޮންޓްރޯލް ކުރުމަށް އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ގެންގުޅުއްވާ ސިޔާސަތުތަކަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. ހާއްސަކޮށް 2020ގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ވާދަކުރަން ނިންމައި ކެމްޕެއިން ހަރަކާތްތައް ފެށުމަށް ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.