ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ނޫން ތަނަކުން ތެޔޮ ނުގަނެވޭ ގޮތަށް ފެނަކައިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެސްޓީއޯ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރުއެވެ. އަދި ފެނަކަ ކޯޕްރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްއެވެ.
ފެނަކައިން އެސްޓީއޯއާ އެކު ވެވުނު މި އެއްބަސްވުމުގެ ދަށުން ފެނަކަ އަށް ބޭނުންވާ ހުރިހާ ތެލަށް ހަމައެކަނި ގަންނާނީ އެސްޓީއޯއިންނެވެ. އަދި ފެނަކައިގެ ތެޔޮރައްކާ ކުރާ ތާނގީތަކުގައި ތެޔޮ ހުންނަ މިންވަރު ބަލާ ރެގިޔުލޭޓް ކުރާނެ ނިޒާމްތައް ގާއިމް ކޮށް މެއިންޓެނެންސް ބަލަހައްޓާނީ ވެސް އެސްޓީއޯއިންނެވެ.
އެއްބަސްވުމާ ބެހޭ ގޮތުން ފެނަކައިގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވީ ފެނެކައިން ކަރަންޓް ފޯރުކޮށްދޭ 148 ރަށަށް އަންނަ މަހު 1 ވަނަ ދުވަހުން ފެށިގެން ތެޔޮ ފޯރުކޮށްދޭނީ އެސްޓޯއީއިން ކަމަށެވެ. އަދި ފެނަކައިން ކަރަންޓް ފޯރުކޮށްދޭ ހުރިހާ ރަށެއްގައި ވެސް ތެޔޮ ރައްކާ ކުރާނެ ނިޒާމް އެސްޓީއޯއިން ގާއިމް ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެސްޓީއޯއާއެކު ވެވުނު އެއްބަސްވުމަކީ ވަކި މުއްދަތެއް ނެތް ގޮތަށް ވެވުނު އެއްބަސްވުމެއް ކަމަށާއި އަދި ފެނަކައަށް އެސްޓީއޯއިން ގަންނަ ތެލަށް ފައިސާ ދައްކަން ޖެހޭނީ ތެޔޮ ފޫރުކޮށްދިނުމަށް ފަހު އެސްޓީއޯއިން އިންވައިސް ކުރުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.