ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓާލުމަށްޓަކައި ކުޑަކުދިންނާއި، އެ ކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތު ޤާނޫނުން މަތިކޮށްފައިވާ ފަރާތްތަކުން އެމީހުންގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމަށް ބާރުއެޅުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަތުމަށް ފާސްކޮށްފިއެވެ.
68 މެމްބަރުންގެ ވޯޓާއި އެކު ބަލައިގަތުމަށް ފާސްކުރެވުނު ގަރާރު ދިރާސާ ކުރާނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންނެވެ.
ބުދަ ދުވަހުގެ ޖަލްސާގައި މި ގަރާރު ހުށަހަޅުއްވައިދެއްވަމުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވީ މިހާރަށްވުރެ ބޮޑަށް ދައުލަތުން ކުޑަކުދިންނަށް ސަމާލުކަން ދޭންޖެހޭ ކަމަށާއި ދައުލަތުގެ ފެންވަރުގައި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއްކުރަން ޖެހޭ ކަމަށެވެ. އަދި ކުޑަކުދިން ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި ދައުލަތުން ކުރާ ހޭދަ މިހާރަށްވުރެ އިތުރުކުރުމަށް ވެސް ހައިތަމް ގޮވާލެއްވިއެވެ.
ހައިތަމް ހުށައެޅުއްވި މި ގަރާރުގައި ވަނީ މަޖިލީހުން ފާސްކޮށްފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ މަޤްޞަދު ހާސިލްކުރުމަށްޓަކައި، ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ޤާއިމްކުރުމަށްޓަކައި ބޭނުންވާ އިންސާނީ ވަޞީލަތްތައް އިތުރުކުރުމަށާއި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާގެ ފަންނީ މާހިރުން އިތުރުކުރުމަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން، އަނިޔާ ލިބިފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ފޮސްޓަރ ކެއަރގެ ދާއިރާއަށް ދައުލަތުން މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ، އަނިޔާ ލިބިފައިވާ ކުޑަކުދިން ވީހާވެސް އަވަހަކަށް ރައްކާތެރި މާހައުލަކަށް ބަދަލުކުރުމުގެ ކަންކަން ހަރުދަނާ އުސޫލެއްގެ މަތިން ކުރުމަށް ވެސް ވަނީ ގޮވާލައްވާފައެވެ. އަދި ދިވެހިރާއްޖޭގެ މުސްތަޤްބަލް ކަމުގައިވާ ކުޑަކުދިންގެ ރައްކާތެރިކަމާގުޅޭ ކަންކަން ހަރުދަނާކުރުމަށް އިންވެސްޓު ކުރާވަރާއި، ޚަރަދުކުރާ މިންވަރު އިތުރުކުރުމަށާއި، ކުޑަކުދިންނާ މެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދިންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދިންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ވެސް ހައިތަމް ގޮވާލެއްވިއެވެ.
ފޮސްޓަރ ކެއަރ ސިސްޓަމް ޤާއިމް ކުރަން ސޯޝަލް ވޯކަރސް ތަމްރީނު ކުރުމުގެ އިތުރުން އިދާރީ އޮނިގަނޑުތަކެއްގެ މަތިން ފޮސްޓަރ ކެއާރ ސިސްޓަމް ހިންގުން ވަކި ސެކްޓަރ އެއް ޤާއިމްކޮށް، އޭގެދަށުން އަހަންމިޔަތު ކަމެއް ދީގެން ގެންގުޅުމަށް ވެސް މެމްބަރު ގޮވާލެއްވިއެވެ.