މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންބްތިޚާބުގެ ކެމްޕޭން އަވަހަށް ފަށަން ޖެހޭކަމަށް އެ ޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 169 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ އިންތިޚާބު ކޮންމެ ދުވަހެއްގައި ބޭއްވި ކަމުގައި ވީނަމަވެސް އެ ތާރީޚެއް އެނގެންދެން ނުވަތަ ސާފުވަންދެން އިންތިޚާބުގައި ވާދަކުރާ އެތައް ސަތޭކަ ކެނޑިޑޭޓުންނާއި އެކު ހިންގާނެ ހަރަކާތަކާއި މެދު މަޝްވަރާ ކުރަންޖެހޭ ކަމަށެވެ. ކެމްޕޭނެއް ނުކޮށް ހަރަކާތްތަކެއް ނުހިންގާ އިންތިޚާބު ބާއްވަންދެން ތިބޭ ތިބުން އެއީ ރަނގަޅު ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާޒް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދަތިހާލުގައިވެސް ކެމްޕޭން ހިންގާ އެ ޕާޓީން ކައުންސިލް އިންތިޚާބު ކާމިޔާބުކޮށްފައިވާކަން ފާހަގަ ކުރައްވާފައެވެ.
ދަތި ހާލުގައި ރައީސް ޔާމީންގެ ސަރުކާރުގައި ހެލިފެލިވެ ނުލެވުނު ވަގުތުގައި އަޅުގަނޑުމެން ފެތުރިގެންފައި މުޅި ރާއްޖެއިން އަޅުގަނޑުމެން ކައުންސިލްތައް ނެގިން. އަޅުގަނޑުމެންގެ ސަރުކާރެއް ތިބެ އަޅުގަނޑުމެން ނެގިމަޑުވެފައި ނުތިބެ ޕާޓީގެ ސްޓްރެޓެޖީއެއް ރާވަންވީ އަޅުގަނޑުމެން ކެނޑިޑޭޓުންނާއި އެއްކޮށް އަޅުގަނޑުމެން މުޅި ރާއްޖޭގައި ކުރާނެ ކެމްޕޭނެއް.
ޝިފާޒް ވިދާޅުވީ އެއްވެސް ހަރަކާތެއް ހިންގުމާއި ގުޅޭގޮތުން ޕާޓީން މަޝްވަރާކުރަމުން ނުދާތީ އެކަމުގެ ކަންބޮޑުވުން ބައެއް ކެނޑިޑޭޓުން ފާޅުކުރަމުންދާ ކަމަށެވެ. އަދި އައު އާންމު ހާލަތުގައި ކެމްޕޭން ކުރެވޭނެ އުސޫލްތަކެއް ރާވަން ޖެހޭ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
ބައެއް ތަންނަނުން އެބަ ސުވާލުކުރޭ ކިހިނެތްހޭ ތިމަންނަމެންނަށް ވާންވީ، ކިހާދުވަހެއްވަންދެންހޭ ތިބެންޖެހޭނީ މިއަށް ރަނގަޅު ޑައިރެކްޝަނެއް ޕާޓީން ދިނުމަކީ މުހިއްމަކަމެއް.