ބ. އަތޮޅު ބޮޑުފިނޮޅުން ހައްޔަރު ކުރި ބިދޭސީންގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، 19 ބިދޭސީންގެ ތެރެއިން ބިދޭސީއެއްގެ ގާނޫނީ ވަކީލަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ވަނީ ޖަހާފައެވެ. ހައްޔަރު ކުރެވުނު ބިދޭސީންގެ ތެރޭގައި ހިމެނޭ ބަންގްލަދޭޝްގެ އެމްޑީ ޖުވެލްހާގެ ވަކީލު އައިމިނަތު ނަޝާ އާދިލް ވަނީ އޭނާގެ ހުރި ކަންބޮޑުވުންތައް ރާއްޖެ.އެމްވީއާ ހިއްސާ ކޮށްފައެވެ.
ނަޝާ ވިދާޅުވީ، ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިޔައިރު ބިދޭސީ މީހާ އަކީ ދިވެހި ބަސް ނޭނގޭ މީހާކަށްވާތީވެ ގިނަ ކަންތައްތައް ފަހުމުނުވާ ކަމަށެެވެ. ބިދޭސީއަކު ކޯޓަށް ގެންދާއިރު އެ މީހުންނަށް ތަރުޖަމާނަކު ހަމަޖައްސަން ޖެހޭކަން ޖިނާއި އިޖުރާއަތުގެ ގާނޫނުގައި ވެސް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މުއްދަތު މަޖިލީސް ކުރިޔަށް ގެންގޮސްފައިވަނީ ތަރުޖަމާނަކު ނެތި ކަމަށެވެ.
ޖިނާއި އިޖުރާތުގެ 167 މާއްދާގެ (ށ) ގައި ބުނާ ގޮތުން ކުށުގެ ދައުވާ އުފުލިފައިވާ މީހަކީ ދިވެހި ބަސް ނޭނގޭ މީހެއްނަމަ، ނުވަތަ ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކައި، ދިވެހި ބަހުން ލިޔަން ކިޔަން ނުދަންނަ މީހަކުނަމަ، އެ މީހެއްގެ ޝަރީއަތް ކުރިއަށް ގެންދަންވާނީ އެ މީހަކަށް ރަނގަޅަށް ވާހަކަދައްކަން އެނގޭ ބަހަކުން ވާހަކަދައްކަން ދަންނަ ތަރުޖަމާނެއްގެ އެހީގައެވެ.
ގާނޫނާ ހިލާފަށް ބަންދުގެ މުއްދަތު ކުރިއަށް ގެންދިޔަ މައްސަލަ ކަމާއި ބެހޭ އިދާރާތަކަށް ހުށައަޅާނެ ކަމަށް ވަކީލު ވިދާޅުވިއެވެ.
އެ ދުވަހުގެ ހަދިސާ ހިނގާ ދިޔަގޮތް ފުލުހުން މެދުވެރިކޮށް ބ. އޭދަފުށީގައި ތިބި ބިދޭސީން ގާތުން އޮޅުން ފިލުވާފައިވާ ކަމަށް ނަޝާ ވިދާޅުވިއެވެ. އޯޑިއޯ މެދުވެރިކޮށް ތަރުޖަމާނެއްގެ އެހީގައި ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ވަކީލު ކައިރީ ބިދޭސީ މީހާ ބުނީ، ހަމަނުޖެހުން ހިނގީ ބޮޑުފިނޮޅުގައި ތިބި ދިވެހިން ރަށުން ފައިބައިގެންދާން ފެށުމުން ކަމަށެވެ.
ޖުވެލްއާ ހަވާލާދީ ވަކީލު ވިދާޅުވީ، ދިވެހިން ރަށުން ފައިބައިގެން ދާން ފެށުމާއި އެކު ރަށް ހަވާލުކޮށްފައިވާ ސީލް ކުންފުނީގެ ފަރާތުން މުހައްމަދު އިދްރީސް ނަމަކަށް ކިޔާ މީހަކު ބިދޭސީންނަށް ބިރުދައްކާ އެ މީހުން ޑީޕޯޓްކޮށްލާނެ ކަމުގެ އިންޒާރު ދިން ކަމަށެވެ. އަދި ފަހުން ކައިރި ރަށަކުން މީހުން ގެނެސް ''ޕާޓޭ'' އިން ރަށަށް އަރުވަން މަސައްކަތް ކުރުމުން އެ މީހުން ހުއްޓުވަންވެގެން ދަގަނޑު ފަދަ ތަކެތި ހިފައިގެން ބިދޭސީން ތައްޔާރުވެގެން ތިބި ކަމަށެވެ.
ބިރުދެއްކީމަ، ބިދޭސީންވެސް އެ މީހުންގެ ސަލާމަތަށްޓަކައި އެ ރަށަަށް އަރަން އުޅޭ ބަޔަކު ހުއްޓުވަން ވަރަށް މަސައްކަތްތަކެއް ކޮށްފައިވޭ.އައިމިނަތު ނަޝާ އާދިލް
އެ ރަށަށް ފުލުހުން އަރަން އުޅުމުން، ދަނގަޑުތަކެއް ފުލުހުންގެ ލޯންޗަށް ބިދޭސީން އުކަމުންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވިއެވެ. ވަކީލު ވިދާޅުވި ގޮތުގައި، ފުލުހުންނާ ދިމާލަށް ގަލާއި، ދަގަނޑު އުކީ އެއީ ރަށަށް މާރާމާރީ ހިންގަން އައި ބައެއް ކަމަށް ހީކޮށް ކަމަށެވެ.
ބިދޭސީންނަށް ބިރު ދެއްކި މުހައްމަދު ދޫވެފައި ހުރުމަކީ އެއީ އެންމެ ރަނގަޅުގޮތް ކަމަށްނުވާތީވެ އެ މައްސަލަ ވީހާވެސް އަވަހަށް ބެލުމަށް ވަކީލު ވަނީ ގޮވާލާފައެވެ.
ބޮޑުފިނޮޅުގެ ބިދޭސީންނަކީ ރައްޔިތުންގެ މަޖިލީހުގެ މިލަަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ މުވައްޒަފުންނެވެ.
އެ ބިދޭސީންނަށް ލިބެންޖެހޭ ހަތަރު މަހުގެ މުސާރާ ނުދެވުނީ، ސީލް ކުންފުނިން ލިބެންޖެހޭ ފައިސާ ނުލިބޭތީ ކަމަށް އެ ކުންފުނިން ބުނެއެވެ. ރިޒް ކުންފުނީގެ ވާހަކަތައް ދޮގުކޮށް، ސީލް ކުންފުނީގެ ފަރާތުން ވަކާލާތުކުރާ ލޯ ފާމުން ނެރުނު ބަޔާނެއްގައި ބުނީ، ފައިސާ ދޭންޖެހޭ އަދަަދަށް ވުރެ އިތުރަށް ވެސް ރިޒް ކުންފުންޏަށް ފައިސާ ދީފައިވާނެ ކަމަށެވެ.