ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ހޯމަ ދުވަހުގެ 2:00 އާ ހަމައަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ދިހަ ފަރާތަކާއި، ޑަބްލިއުޑީސީ އިންތިޚާބުގައި ވާދަކުރާ ދެ ފަރާތަކުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ތެރެއިން މިހާތަނަށް ނަން އަނބުރާ ގެންގޮސްފައި ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ފަސް ކެނޑިޑޭޓަކާއި، ޕްރޮގްރެސިސް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ވާދަ ކުރާ އެއް ކެނޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރާ ހަތަރު ކެނޑިޑޭޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ފެންނަފެނުމަށް ބަލާއިރު ނަން ނަގާ އަދަދު ގިނަވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރޭއިން ޖުމްލަ 12 މަޤާމަކަށް 15 ފަރާތެއް އިންތިޚާބުވެފައިވާ ކަމަށެވެ. އަދި ޑަބްލިއުޑީސީ އިންތިޚާބުގައި ހޮވަންޖެހޭ 21 ދާއިރާއަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 62 ފަރާތެއް އިންތިޚާބުވެފައިވާ ކަމަށެވެ.
މިފަރާތްތަކަކީ އިންތިޚާބުވެފައިވާ ފަރާތްތަކަކަށް ވުމުން އެފަރާތްތައް ކެނޑިޑޭޓުންގެ ގޮތުގައި ނުގުނާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް 2425 ކެނޑިޑޭޓުން ކުރިމަތިލާފައިވާއިރު ޑަބްލިއުޑީސީ އިންތިޚާބުގައި ވާދަކުރުމަށް 1807 ކެނޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.