ކ. މާލެ
|
6 ޖުލައި 2020 | ހޯމަ 19:01
ބޮޑުތަކުރުފާނު މަގު
ބޮޑުތަކުރުފާނު މަގު
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުން އެކަށީގެންވޭ: މޫސުމާއި ބެހޭ ޤައުމީ އިދާރާ
ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެންވޭ
ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވޭ

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އާދިއްތަ ދުވަހުން ފެށިގެން ބައެއް ރަށްތަކަށް ދަނީ އުދަ އަރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާދިއްތަ ދުވަހު ވަނީ ގދ. ފަރެސްމާދޮޑާ ވ. ރަކީދޫ އަދި ގދ. ތިނަދޫގެ އިތުރުން އއ. އުކުޅަހަށް ވަނީ އުދައިގެ އަސަރު ކޮށްފައެވެ. މި ރަށްތަކަށް އެރި އުދައިގެން ސަބަބުން ބަނދަރުގައި އަޅާފައި ހުރި ބޯޓު ފަހަރުތަކަށް އޭގެ އަސަރު ކޮށްފައިވެއެވެ.

ހޯމަ ދުވަހު ވެސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާފައެވެ.

މީގެ އިތުރުން ކ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް އުދަ އަރާ ބައެއް ގެއްލުންތައް ވަނީ ލިބިފައެވެ.

އެ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދެއެވެ.

އެންމެ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކުގައި ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެއިދާރާއިން މައުލޫމާތު ދެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް މަދު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދެއެވެ.

- ކޮމެންޓް