ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކަކަށް މުސާރަ ނުލިބިގެން ހިންގަމުންދާ ހަމަނުޖެހުމުގައި ދެ ފުލުހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ ފުލުހަކަށް އަނިޔާވެފައިވާއިރު، އެއް ފުލުހަކަށް އަނިޔާވީ އެ ރިސޯޓާ ލޯންޗު ކައިރި ކުރި ތަނުން އެއްލި ދަގަނޑުބުރި އެއް މޭމަތީގައި ޖެހިގެންނެވެ. އަދި އަނެއް ފުލުހަށް އަނިޔާލިބުނީ ނޭފަތްމަތީގައި އެއްޗަކުން ޖެހި ނޭފަތް ފަޅައިގެން ދިޔުމުންނެވެ،. ބިދޭސީން ހިންގަމުންދާ މި ހަމަނުޖެހުމުގައި އެ ރިސޯޓަށް ބޮޑެތި ގެއްލުންތަކެއްދީ، ރަށުގެ ބައެއް ތަންތަނުގައި ވަނީ ހުޅުޖަހާފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑުފިނޮޅު ރަށު ތެރެއިން ބޯކޮށް ދުން އަރަމުން އެބަދެއެވެ. އަދި އެރަށަށް ފުލުހުންދާ ކޮންމެ ފަހަރަކު ގަލާއި ދަނގަޑުބުރިފަދަ ތަކެތި އެރަށުގައި ހަމަނުޖެހުން ހިންގަމުން އަންނަ ބިދޭސީން އުކަމުންދާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނީ ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މުވައްޒަފުން ތަކެއް ދިވެހި މުވައްޒަފުން އެ ރަށުން ފޭބިޔަ ނުދީ ހިފަހައްޓައި ހަމަ ނުޖެހުން ހިންގާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ތުޅާދޫ ފަޅުތެރޭގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓެއް ހަދަން މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން މި ހަމަނުޖެހުން ހިންގަނީ މުސާރަ ނުދޭތާ 06 މަސްވެފައިވާތީއެވެ. އަދި މި ހަމަނުޖެހުންތަކުގައި ބައެއް ދިވެހިންނަށް އަނިޔާވެސް ލިބިފައެވެ.
މި ހަމަނުޖެހުން އަދިވެސް ކޮންޓްރޯލް ވެފައިނުވާއިރު، މިހާރު ކައިރި އަތޮޅުތަކުގެ ފުލުހުން ވެސް ވަނީ އެ ރަށަށް ގޮސްފައެވެ.
އެ ރިސޯޓު ހެދުމުގައި 200ށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރެއެވެ.