ޖަމާޢަތް ހަދައިގެން ބޮޑެތި ވައްކަންތަކެއްކޮށް، މުދަލަށް ގެއްލުންދޭ ކަމުގެ ތުހުމަތުގައި ހައްޔަރު ހަ މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރު އަދި 28 އަހަރުގެ މީހަކު ހައްޔަރުކުރިއެވެ.
ބުރާސްފަތި ދުވަހު ފުލުހުން ބުުނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރުމަށް މި ހިނގާ ޖުލައި މަހުގެ އެއްވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އެމީހުންގެ ތެރެއިން 28 އަހަރުގެ މީހާ ޝަރުތުކޮށް ދޫކޮށްލާފައި ކަމަށެވެ.
ދެން ތިބި އެންމެން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން ކަނޑައަޅާތަނެއްގައި ބަނދުގައި ބައިތިއްބައިގެން ތަހުޤީގު ކުރިއަށް ގެންދިއުމަށް އަށް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ރ. އުނގޫފާރުން ހައްޔަރުކޮށް އެމީހުންނާ ގުޅުން ހުރި މަޑުއްވަރީގެ 3 ތަނެއް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.
އޭގެ އިތުރުން އެމީހުން ދިރިއުޅުނު ރ. އަތޮޅުގެ ފަޅުރަށެއް ވެސް ބަލައި ފާސްކޮށްފައިވާއިރު އެ ތަންތަނުން މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މި މައްސަލައިގައި ހަވަނަ މީހަކު ހައްޔަރުކޮށްފައިވަނީ މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ހަރަކާތުގެ ތެރެއިން ފުލުހުން ބެލުމުގެ ދަށަށް ގެނައުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، ތުހުމަތު ކުރެވޭ މީހުން ރ. އަތޮޅުގެ ފަޅުރަށެއްގައި ދިރިއުޅެފައިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލާ ކަމަށެވެ.