ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްވެސް ބަޔަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ ކަނޑަ އެޅިގެން ހިލާފު ކަމެއް ކަމަށް ކޯލިޝަންގެ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މައުމޫން ވިދާޅުވިއެވެ. އެކަމުގެ އިތުރު ތަފްސީލެއް ރައީސް މައުމޫން ހާމައެއް ނުކުރައްވައެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާނުގައި އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ބަޔާން އާންމު ނުކުރި ނަމަވެސް، އޮޑިޓަރ ޖެނެރަލް އޮފީހާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ މި މައުލޫމާތު ހިއްސާ ކުރެވޭނެއެވެ.
އެ ބިލް ފާސްކޮށްފައިވަނީ އެކަން ދިރާސާކުރުމަށް އެކުލަވާލި ކޮމިޓީން އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީސް އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ދެކޭގޮތް ހޯދުމަށް ފަހުއެވެ.
އޭސީސީން އެކަމުގައި ބުނެފައިވަނީ މާލީ ބަޔާން ހާމަކުރުމަކީ ރައްޔިތުންނަށާއި މަދަނީ މުޖުތަމަޢުއަށް ފާރަވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަަމެއްކަމަށެވެ. ނަމަވެސް 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް އޮތް ނަމަވެސް، އެ މައުލޫމާތުތައް އާންމު ކުރުމަކީ އެކަމުގެ ސަބަބުން ފައިދާ އަށްވުރެ އޭގެ ގެއްލުން ބޮޑުވެދާނެ ކަންތައްތަކެއް ހިނގުމުގެ އިހުތިމާލް ބޮޑު ކަމެއްކަމަށް ކޮމިޝަނަށް ފާހަގަކުރެވޭ ކަމަށެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފައިވަނީ ގާނޫނު އަސާސީގެ 76 ވަނަ މާއްދާގެ ދަށުން މެމްބަރުން މާލީ ބަޔާން ހުށަހަޅަންޖެހެނީ އަމީން އާންމަށް ކަމަށެވެ. އެހެންނަމަވެސް އަމީން އާންމަކީ މިނިވަން މުސްތަގިއްލު މަގާމަކަށްނުވާތީ މެމްބަރުން ހުށަހަޅުއްވާ ބަޔާންތަކުގެ ޞައްހަކަން ކަށަވަރު ކުރުމަކީ ދަތިކަމެއްކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށެވެ.