ފުލުހުންގެ ބިލަށް ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި ރޭޕާއި ޖިންސީ ގޯނާއާ ދެކޮޅަށް އިހުތިޖާޖުކުރަން ފަށައިފިއެވެ.
އާންމުންގެ ޚިޔާލު ހޯދުމަށް ބާއްވާ މި ބައްދަލުވުމުގައި އެހާ ގިނަ ބަޔަކު ބައިވެރިއެއް ނުވެއެވެ. ހިމޭން އިހުތިޖާޖުގެ ބައިވެރިން ތިބީ އެކި ޝުއޫރުތައް ހިމެނޭ ބޯޑު ހިފައިގެންނެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ބައިވެރިން ވަނީ ޖިންސީ ގޯނާގެ މައްސަލަތައް ހުށަހެޅުމުން، ގޯނާ ލިބޭ ފަރާތަށް ހިމާޔަތް ދިނުމާއި މިފަދަ މައްސަލަތައް ބަލަމުންދަނީ ކިހިނެތްތޯ ސުވާލު ކޮށްފައެވެ. އަދި ފުލުހުންގެ މުއައްސަސާއަށް ނުފޫޒުފޯރާތޯ ވަނީ ސުވާލުކޮށްފައެވެ.
ދާދި ފަހުން ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ރޭޕާއި ޖިންސީ ގޯނާ، ވަކިން ހާއްސަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ވަނީ މުޒާހަރާކޮށްފައެވެ.
ފުލުހުންގެ ހިދުމަތުގެ ބިލަކީ އާންމުންގެ މެދުގައި ވެސް ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ބިލެކެވެ. އަދި މި ބިލާއި ގުޅޭގޮތުން ބިލް ދިރާސާކުރަމުންދާ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ބިލް ދިރާސާކުރުމުގެ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ. ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.
މި ޕެނަލްގައި މައުލޫމާތު ދެއްވަނީ ފުލުހުންގެ ފަރާތުން ޗީޕް ސްޕްރިންޑެންޓް އޮފް ޕޮލިސް ޔޫނުސް ޞަބާހު އާއި ބިލް ހުށަހެޅުއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފު އަދި ހުޅުމާލެ ދާއިރާގެ މެމްބަރ އަލީ ނިޔާޒެވެ.