ކ. މާލެ
|
1 ޖުލައި 2020 | ބުދަ 21:10
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައްދަލުކުރައްވަނީ
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައްދަލުކުރައްވަނީ
ޓްވިޓަރ
ބަލި މީހުން އިންޑިޔާއަށް ފޮނުވުން
ބަލި މީހުންގެ ދެވަނަ ބެޗެއް ގެންދެވޭނެ ކަމުގެ ޔަގީންކަން އިންޑިޔާއިން ދީފި
އިންޑިޔާގެ ބޯޑަރު ބަންދުކޮށްފައިވުމާއި ގުޅިގެން އިންޑިޔާ ރައްޔިތުން ނޫން އެހެން މީހުންނަށް އެގައުމަށް މިވަގުތު ނުވަދެވޭ
އިންޑިޔާއިން ދިން ފުރުސަތުގައި 28 ދިވެހިން ވަނީ އިންޑިޔާއަށް ފަރުވާހޯދުމަށް ގޮސްފައި
ހޮސްޕިޓަލްގެ ވަކި ސަރަހައްދެއްގައި ކަރަންޓީނުވުމުގެ ފުރުސަތު ދިވެހިންނަށް ވަނީ ލިބިފައި

ރާއްޖެއިން ފަރުވާކުރެވެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް އިތުރު ދިވެހިންނަށް އިންޑިއާއަށް ދެވޭނެކަމުގެ ޔަގީންކަން އިންޑިޔާ ސަރުކާރުން ދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިޔަގީންކަން ދީފައިވަނީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ބުދަ ދުވަހުގެ ހަވީރު ބޭއްވި ބައްދަލުކުރެއްވުމުގައި ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިޔާގެ ބޯޑަރު ބަންދުކޮށްފައިވުމާއި ގުޅިގެން އިންޑިޔާ ރައްޔިތުން ނޫން އެހެން މީހުންނަށް އެގައުމަށް މިވަގުތު ނުވަދެވެއެވެ. ނަމަވެސް އެހެން ގައުމުތަކަށް އަދި ދީފައިނުވާ ޚާއްސަ ހުއްދައެއްގެ ދަށުން އާސަންދައިގެ ދަށުން ފަރުވާކުރަމުންދާ ހާލު ދެރަ ބަލި މީހުން އިންޑިޔާއަށް ގެންދިޔުމަށް އިންޑިޔާއިން ދިން ފުރުސަތުގައި ދިވެހިންތަކެއް މިހާރު ވަނީ އިންޑިޔާއަށް ގޮސްފައެވެ.

ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އިންޑިޔާއަށް އެތެރެވާ ހުރިހާ ފަރާތްތަކުން ކަރަންޓީނުވާންޖެހޭތީ ފަރުވާއަށް ދާ ދިވެހިންވެސް ކަރަންޓީނު ފުރިހަމަކުރަން ޖެހެއެވެ. އިންޑިޔާ ސަރުކާރާއެކު ފޮރިން މިނިސްޓްރީން ކުރި މަޝްވަރާތަކަށްފަހު ހޮސްޕިޓަލްގެ ވަކި ސަރަހައްދެއްގައި ކަރަންޓީނުވުމުގެ ފުރުސަތު ދިވެހިންނަށް ލިބިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ ބޮޑެތި ބަލިތަކަށް ފަރުވާކުރާ ފަރާތްތައް އިންޑިޔާއަށް ގެންދިޔުމަށް ލިބުނު ޚާއްސަ ހުއްދައިގެ ދަށުން ބަލި މީހުން އިންޑިޔާއަށް ގެންދިޔުމުގެ މަސައްކަތް އާސަންދަ އާ ގުޅިގެން ފޮރިން މިނިސްޓްރީން ކުރަމުން ގެންދާނެކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

- ކޮމެންޓް