ކޮންމެ ގޮތަކަށް ހެދުން އަޅައިގެން ތިއްބަސް ޖިންސީ ގޯނާ ކުރުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަން ސަރވިސަސް އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރ ވިދާޅުވީ ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަކުރުން ފަދަ ކަންކަމުގައި އަމަލީ ގޮތުންނާއި ވިސްނުމަށް ވެސް ވަރަށް ބޮޑު ބަދަލުތަކެއް ގެންނަން ޖެހޭ ކަމެއް ކަމަށެވެ.
ކޮންމެ ގޮތަކަށް އަޅުގަނޑުމެން ހެދުންއަޅައިގެން ތިއްބަސް ބަލާމީހާއަކަށް އެއްވެސް ހައްގެއް ނެތް އަޅުގަނޑުމެންގެ އިއްފަތްތެރިކަން ނަގާލާކަށް ނޫނޫ ޖިންސީ ގޯނާ ކުރާ ކަށެއް. އެއީކީ އެއްވެސް މީހަކަށް އޮންނަ ހައްގެއް ނޫން
މިނިސްޓަރ ވިދާޅުވީ ކުދިން ތުއްތު އިރުން ފެށިގެން ވެސް އެކަކު އަނެކަކަށް ޤަދަރުކުރަން ދަސްކޮށްދޭން ޖެހޭ ކަމަށެވެ.
މުޖުތަމައުގައި އެންމެން ވެސް އުފަންވީއްސުރެން ފެށިގެން, ލަދުވެތި ގުނަވަންތައް ރައްކާތެރި ކޮށްގެން އުޅޭކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ލަދުވެތި ގުނަވަންތައް ރައްކާތެރިކުރެވެނީ ކީއްވެގެންކަން އެންމެނަށް ވެސް އެނގެންޖެހޭ ކަމަށެވެ. އަދި އެ ރައްކާތެރި ވަނީ ކީއްވެގެންކަން އެކި އުމުރުފުރާގައި އެކިގޮތަށް ކުދިންނަށް ދަސްކޮށްދޭން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެންމެ ތުއްތުއިރުން ފެށިގެން އަންހެނުންނަކީ ގަދަރުވެރި އަދި އޯގާތެރިވާން ޖެހޭ ބައެއްކަން ފިރިހެނުންނަށް ދަސްކޮށްދޭން ޖެހޭ ކަމަށާއި ހަމަ އެފަދައިން ފިރިހެނުންނަށް ވެސް އަންހެނުން އޯގާތެރިވާން ޖެހޭކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އޯގާތެރި މުޖުތަޢުއެއްގައި ކުޑައިރުންފެށިގެން އުޅެން ދަސްވެއްޖެ ކަމުގައި ވަނީ ނަމަ ކުދިންގެ އަޚްލާގު ވަކި ގޮތަކަށް ބައްޓަން ވެގެންދާނެ ކަމަށެވެ. އަދި ވަކި ގޮތަކަށް އަޚްލާގު ބައްޓަން ވެގެންދާނަމަ ފުރައްސާރަކުރުމާއި އަނިޔާ ކުރުން މަދުވާނެ ކަމަށެވެ.
ޖިންސީ ގޯނާގެ މައްސަލަތަކުގައި ޒުވާން އަންހެން ކަނބަލުން އަޑު އުފުލަމުން ދިއުމަކީ އުފާކުރައްވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ފަދަ މައްސަލަ ތަކުގައި ޒުވާނުންނާއި އެންޖީއޯސްތަކާއި އެކުގައި ވެސް މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް ކުރާ ޖިންސީ ގޯނާއާއި ފުރައްސާރައިގެ މައްސަލަތައް ގިނަވެފައިވާ ދަނޑިވަޅެއްގައި، ރައްޔިތުން އަންނަނީ އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމުގެ ތުހުމަތު ކަމާބެހޭ ފަރާތްތަކަށް ކުރަމުންނެވެ. ހާއްސަކޮށް، މި ޒާތުގެ މައްސަލަތަކުގައި އިންސާފު ނުލިބި ގިނަ ދުވަސް ވުމާއި، ތަހުގީގަށް ނުފޫޒު ފޯރުވާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.
މި މައްސަލަތަކަށް ހައްލެއް ހޯދުމަށް ސަރުކާރާއި، ރައްޔިތުންގެ މަޖިލިހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޖެންޑަރ މިނިސްޓްރީ އާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި މަސައްކަތް ކުރުމުގައި ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަން އެ ފަރާތްތަކުން ވަނީ އަރުވާފައެވެ.