މެމްބަރުންގެ މާލީ ބަޔާނުގައި އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރާގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ އާއްމު ކޮމިޓީގެ ރިޕޯޓުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ) އާއި (ރ) އިސްލާހުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާތީ އެ އިސްލާހުތައް ދިރާސާކުރުމަށްފަހު ކޮމިޓީން ނިންމާފައިވަނީ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ) ގައި މަޖިލީހުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ވެސް ހިމެނޭގޮތަށް ތައްޔާރުކޮށް ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ކުރިން އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށެވެ.
އެ މާއްދާގެ (ރ) އަށް ގެނައި ބަދަލަކީ 68 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރަންވާނެ ކަމަށެވެ.
ބުދަ ދުވަހުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ މި ރިޕޯޓަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. މެމްބަރު ހުށަހެޅުއްވި އިސްލާހަކީ 68 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ. އެއީ މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މެމްބަރުންގެ ފައިސާގެ ބަޔާން އަމީން އާއްމަށް ލިބުމުން (ހ) ގައި ބަޔާން ކުރާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ މުދަލާއި ފައިސާގެ ބަޔާންތަކުގެ ކޮޕީ އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެ ކަމަށެވެ.
މި އިސްލާހާއި އެކު އާއްމު ކޮމިޓީގެ ރިޕޯޓު މަޖިލީހުން ފާސްކޮށްފައިވަނީ 62 މެމްބަރުންގެ ވޯޓާއި އެކުއެވެ.
މެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން ޝާއިއު ނުކުރުމަށް މަޖިލިހުން ނިންމުމާއި ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި މި އުސޫލު އެކުލަވާލުމުގެ ހަގީގީ މަގުސަދު ހާސިލު ނުވާ ކަމަށް ބުނެ، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.