ކ. މާލެ
|
1 ޖުލައި 2020 | ބުދަ 01:22
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރުން
ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު މިހާރު އިއުލާން ކުރާގޮތުން ރައްޔިތުންގެ ގިނަ ހައްގުތަކެއް ހިފެހެއްޓިގެންދޭ: އެމްޕީ ރަޝީދު
ހައްގުތައް ހިފެހެއްޓިގެންދާއިރު މަޖިލީހުގެ މެމްބަރުންގެ ބަހެއްނެތި ހިފެހެއްޓިގެން ދާ ދިޔުން ގަބޫލު ނުކުރެވޭ
މި ޤާނޫނުގެ ދަށުން ވަޒީރަށް ލިބިދީފައިވާ ބާރުތައް އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލަށް ޓްރާންސްފަރކުރެވޭ
ޤާނޫނު އަސާސީން ރައީސަށް ލިބިދީފައިނުވާ ބާރެއް ޤާނޫނަކުން ވަޒީރަކަށް ނުވަތަ އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލަށް ލިބިދާނެކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިއުލާންކުރާ ގޮތުން ޤާނޫނު އަސާސީގެ ދެ ވަނަ ބާބުން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ހިފެހެއްޓިގެންދާ ކަމަށް އާންމު ސިއްހަތު ރައްކާތެރިކަމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހަޅުއްވަމުން އެބިލް ހުށަހެޅުއްވި ފުވައްމުލަކު އުތުރު ދާއިރާގެ މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާއަށް މިބިލް ހުށަހަޅުއްވަމުން މުހައްމަދު ރަޝީދު ވިދާޅުވީ ހައްގުތައް ހިފެހެއްޓިގެންދާއިރު މަޖިލީހުގެ މެމްބަރުންގެ ބަހެއްނެތި ހިފެހެއްޓިގެން ދާ ދިޔުން ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެގޮތުން ހަނިކުރެވޭ އަސާސީ ހައްގުތަކުގެ ތެރޭގައި ވަޒީފާ އަދާކުރުމުގެ ހައްގު، އެއްވެ އުޅުމުގެ ހައްގު ދަތުރު ފަތުރުކުރުމާއި ވަޒަންވެރިވުމުގެ ހައްގު އުނގެނުމުގެ ހައްގު ޒާތީ ދިރިއުޅުން މަސައްކަތްކުރުމުގެ ހައްގު, އިގްތިޞާދީ އަދި އިޖުތިމާ ހައްގުތައް ހިފެހެއްޓިގެންދާ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

މީގެއިތުރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން ރާއްޖޭގެ މުޅި އިގްތިޞާދު ހުއްޓުމަކަށް އައިކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

މި ޤާނޫކުނު މިހާރި އޮތްގޮތުން އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ކޯޓު އަމުރަކާ ނުލާ ބަލާ ފާސްކުރުން، ޒާތީ މައުލޫމާތު ހާމަކުރަން ޖެހޭ ގޮތަށް މިހާރު މި ޤާނޫނު މިއޮތީ. މިހާ ބާރުގަދަކޮށް ރައްޔިތުންގެ އަސާސީ ހައްގުތަކެއް ހިފެހެއްޓިގެންދާއިރު ރައްޔިތުންގެ ބަހެއްނެތި އެހިފެހެއްޓިގެން ދާދިއުން އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ.
ފުވައްމުލަކު އުތުރު ދާއިރާގެ މުހައްމަދު ރަޝީދު

މުހައްމަދު ރަޝީދު އިތުރަށް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާއިރު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންނުޖެހޭ ކަމަށް ވަކާލާތުކުރައްވާ ފަރާތްތަކުން ރިޔާސީ ނިޒާމުގައި މަޖިލީހުގެ މެޖޯރިޓީ ނެތިވެސް ސަރުކާރު ހިންގަން ފުރުސަތު އޮންނަންވާނެ ކަމަށް ވިދާޅުވާކަމަށެވެ. ނަމަވެސް އެގޮތަށް ވަކާލާތު ކުރައްވާ ބޭފުޅުންގެ އަރިހުން ސާފުކުރައްވަން ބޭނުންފުޅުވާ ކަމަކީ މަޖިލީހުގެ މެޖޯރިޓީ ނެތިވެސް ވަޒީރުންނަށް ރުހުން ހޯދަން ޖެހޭކަމަށާއި އަދި ބަޖެޓަށް ރުހުން ހޯދަންޖެހޭއިރު ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ރުހުންހޯދަން ޖެހޭކަމަށެވެ.

ބައެއް ބޭފުޅުން ވިދާޅުވޭ މިއީ ސިއްހީ ކަމެކޭ ހާލަތު ތަފާތޭ. ރަނގަޅު ވާހަކަ އެއް. ސއްިހީ ކަމެއް. ނަމަވެސް ޤާނޫނު އަސާސީން ރައީސް އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ނުރައްކާތެރި ބަލި މަޑުކަމެއްގައިވެސް އަދި އޭގެ އިތުރަށް ހަނގުރާމައިގެ ހާލަތާއި ޤައުމީ ސަލާމަތަށް ނުރައްކާވާ ހާލަތު ފުރިހަމަ ކުރައްވާފައިވޭ. ހަނގުރާމައިގެ ހާލަތުގައި ނުރައްކާތެރިކަން އިއުލާންކުރާއިރު މިމަޖިލީހުގައި ތިބެނީ މިލިޓަރީ މީހުންނެއް ނޫން. އެހެންވެއްޖެ ކަމަށްވާނަމަ މިމަޖިލީހުން ރުހުން ހޯދަން ނުޖެހޭކަމަށް ވަކާލާތު ކުރައްވާ ބޭފުޅުން ނޭނގެ ކޮންގޮތަކަށްކަމެއް ވަކާލާތު އެކުރައްވަނީ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރިއަސް މި ޤާނޫނުގެ ދަށުން ނުރައްކާތެރި ބައްޔެއް ހުރި ކަމަށް ޝައްކުކުރެވޭ މީހުންނާއި ތަންތަން ބަންދުކޮށް މީހުން އެކަހެރިކުރުމުގެ ބާރު އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވޭ.
ފުވައްމުލަކު އުތުރު ދާއިރާގެ މުހައްމަދު ރަޝީދު

މުހައްމަދު ރަޝީދު ވިދާޅުވީ މި ޤާނޫނުގެ ދަށުން ވަޒީރަށް ލިބިދީފައިވާ ބާރުތައް އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލަށް ޓްރާންސްފަރކުރެވޭ ކަމަށެވެ. އަދި އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލަކީ އެއީ ސިވިލް ސަރވިސްއިން އައްޔަނުކުރާ ސިވިލް ސަރވިސްގެ މަގާމެއް ކަަމަށާއި މިއަދުގެ މިހާލަތުގައި ހުރިހާ ރައްޔިތުންގެ އަސާސީ ހައްގުތައް ހިފެހެއްޓިގެންދާއިރު މިހުރިހާ ކަމެއް އަމުރު މިކުރަނީ ސިވިލް ސަރވިސް މުވައްޒަފެއް ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

އަދި ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިނުވާ ބާރެއް ޤާނޫނަކުން ވަޒީރަކަށް ނުވަތަ އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލަށް ލިބިދާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭކަމަށް ޤާނޫނު އަސާސީގައި ބަޔާންކުރެ އެވެ. އަދިި ކުއްލި ނުރައްކަލުގެ ހާލަތު އިއުލންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނެރެފައިވާ ފަރާރާއި ގުޅިގެން ކޮންމެ ކަމެއް ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެބާރު އެގޮތަށް ނުލިބޭކަން މެމްބަރ ފާހަގަކުރެއްވި އެވެ.

މެމްބަރު ހުށަހަޅުއްވާފައިވާ އިސްލާހުގައި މިހާރަށްވުރެ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވޭ ގޮތް ހެދުމަށާއި އެހާލަތުގައި މަޖިލީހުގެ ޖަލްސާތައް ބާއްވާނެ ގޮތްތައް މިހާރަށްވުރެ ބޮޑަށް ތަފްސީލުކޮށްފައިވެ އެވެ.

- ކޮމެންޓް