އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރަމުންދާ 28 ބަލި މީހަކު ރޭ އިންޑިއާއަށް ގެންގޮސްފައިވާއިރު، މިއީ ޚާއްސަ ހުއްދައެއްގެ ދަށުން ބޭއްވި ފްލައިޓެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ހޯމަ ދުވަހުގެ ރޭ ފޮރިން މިނިސްޓްރީން ބުނީ މި ފްލައިޓް ބާއްވާފައިވަނީ އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިވުމުގެ ސަބަބުންނާއި، ކޮވިޑް-19 އާ ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް އިންޑިއާއިން އަޅާފައިވާތީ އެ ގައުމުގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީގެ އިތުރުން ހޯމް މިނިސްޓްރީއިން ވެސް ޚާއްސަ ހުއްދައެއް ނަގައިގެން ކަމަށެވެ.
ދެކުނު އިންޑިއާއަކީ މެޑިކަލް ޓޫރިޒަމަށް މަޝްހޫރު، އަދި މިސަރަހައްދުގެ ގިނަ ޤައުމުތަކެއްގެ ރައްޔިތުން ބޭސްފަރުވާ ހޯދަމުންދާ ތަނެކެވެ. އެހެންނަމަވެސް ކޮވިޑް-19އާ ގުޅިގެން އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެ ގައުމުތަކުގެ ރައްޔިތުންނަށް އިންޑިއާ އަށް ބޭސްފަރުވާ އަށް ދެވޭގޮތެއް ނުވެއެވެ.
އަދި ވަކި ޚާއްސަ ހުއްދައެއްގެ ދަށުން ދިވެހިންނަށް އިންޑިއާއަށް އެތެރެވާން ފުރުސަތު ދިންއިރު، މިފަދަ ހުއްދައެއް އެހެން ގައުމަކަށް އިންޑިއާ އިން ދީފައެއް ނުވެއެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ބޯޑަރުތައް ބަންދުކުރަން އެންމެ ފުރަތަމަ ފެށިއިރު ވެސް ދިވެހިންނަށް ޚާއްސަ ހުއްދައެއްގެ ދަށުން އިންޑިއާއަށް ދަތުރު ކުރުމަށް އެ ގައުމުން ފުރުސަތު ދިނެވެ. އެހެންނަމަވެސް ލޮކްޑައުން އާއެކު މުޅި އިންޑިއާ ބަންދުވުމުގެ ސަބަބުންނާއި އެއަރލައިންތަކުން ދަތުރުތައް ހުއްޓާލުމުން ދުވަސްތަކެއް ވަންދެން ދަތުރުކުރުމުގެ މަގު ބަންދު ވެގެންދިޔައެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑެތި ބަލިތަކަށް ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދުމަށް އިންޑިއާއަށް ދިޔަ ދިވެހިން މިހާރު ތިބީ އެމީހުން ފަރުވާ ހޯދާ ހޮސްޕިޓަލުގައި ކަރަންޓީނު ކުރެވިފައެވެ. އަދި އެމީހުންގެ ފަރުވާގެ ކަންކަން މިހާރު ވަނީ ފަށާފައެވެ.