ކ. މާލެ
|
30 ޖޫން 2020 | އަންގާރަ 12:41
2018 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޓީމު
2018 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޓީމު
އިމޭޖަސް.އެމްވީ
ސާފް ސުޒުކީ ކަޕް
ސާފް ސުޒުކީ ކަޕް އަންނަ އަހަރަށް ފަސްކޮށްފި
ކުރިން ބޭއްވުމަށް ތާވަލުކޮށްފައި އޮތީ ސެޕްޓެމްބަރު މަހުގެ 19-30 ށް
އަންނަ އަހަރު މުބާރާތް ބާއްވާނެ ވަކި ތާރީޚެއް ކަނޑައަޅާފައެއް ނުވޭ

މިއަހަރު ބަންގްލަދޭޝްގައި ބާއްވަން ތާވަލުކުރި ސާފް ސުޒުކީ ކަޕް އަންނަ އަހަރަށް ފަސްކޮށްފިއެވެ.

ބަންގްލަދޭޝްގެ ޑާކާގައި މިއަހަރުގެ މުބާރާތް ކުރިން ބޭއްވުމަށް ތާވަލުކޮށްފައި އޮތީ ސެޕްޓެމްބަރު މަހުގެ 19-30 ށެވެ.

އެކަމަކު ދެކުނު އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކާއެކު ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ން ހޯމަ ދުވަހު ބޭއްވި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމުގައި ވަނީ މިއަހަރުގެ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފައެވެ، އެކަމަކު މި މުބާރާތް އަންނަ އަހަރު ބާއްވާނެ ވަކި ތާރީޚެއް ކަނޑައަޅާފައެއް ނުވެއެވެ.

ބަންގްލަދޭޝް ފުޓްބޯލް ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަންވަރުލް ޙައްޤު ވިދާޅުވީ މުބާރާތް ބާއްވާނެ ސީދާ ތާރީޚެއް ކަނޑައެޅޭނީ ދެން ބާއްވާ ބައްދަލުވުމެއްގައި ކަމަށެވެ.

މި އަހަރުގެ މި މުބާރާތް ބަންގްލަދޭޝްގައި ބާއްވަން ނިންމީ އެ ގައުމުގެ ރައީސް ޝެއިޚް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް، މި ސަރަހައްދުގެ ކުޅިވަރު ހަރަކާތްތައް އެގައުމުގައި ބޭއްވުމަށް އެދުމުންނެވެ.

ދެ އަހަރުން އެއް އަހަރު ބާއްވާ މި މުބާރާތް އެންމެ ފަހުން ބޭއްވީ ވެސް ބަންގްލަދޭޝްގައެވެ. ޑާކާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކުރުމަށް ފަހު ޗެމްޕިއަންކަން ހޯދީ ރާއްޖެއެވެ. މިއީ ރާއްޖޭން މި މުބާރާތުގެ ތަށި އުފުލާލި ދެ ވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރީ 2008 ވަނަ އަހަރެވެ. އެ ފަހަރު މުބާރާތް ބޭއްވީ ރާއްޖެ އާއި ސްރީލަންކާގައެވެ.

ސާފް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމަކީ އިންޑާއެވެ. އިންޑިއާއިން މި މުބާރާތް ހަ ފަހަރު ކާމިޔާބު ކޮށްފައިވާއިރު ދިވެހިރާއްޖެއިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ދެ ފަހަރެވެ. އަދި ބަންގްލަދޭޝް އާއި އަފްޣާނިސްތާނުން ވަނީ މި މުބާރާތް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް