ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 00:05
ހޭންޑްބޯލް މޯލްޑިވްސްގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
ހޭންޑްބޯލް މޯލްޑިވްސްގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
ރާއްޖެއެމްވީ
ހޭންޑްބޯލް
ހޭންޑްބޯލް މޯލްޑިވްސްގެ ކަންބޮޑުވުންތައް އެމްއޯސީ އަށް ބަންޑުން ކޮށްލައިފި
އެންމެ ބޮޑު ކަންބޮޑުވުމަކީ ކުޅޭނެ ތަނެއް ލިބިފައި ނެތުން
ގިނަ ގޮންޖެހުންތަކާއެކު ވެސް މިކުޅިވަރުން ދަނީ ކާމިޔާބީތަކެއް ހޯދަމުން

ހޭންޑްބޯލް މޯލްޑިވްސް އަށް ދިމާވެފައިވާ އެކިއެކި ކަންބޮޑުވުންތަކާ ގުޅިގެން އެ އެސޯސިއޭޝަންގެ ކަންބޮޑުވުންތައް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އެނުއަލް ކޮންގްރެސް އަށް ބަންޑުން ޖަހާލައިފި އެވެ.

ހޮނިހިރު ދުވަހު ބޭއްވި އެމްއޯސީގެ އެނުއަލް ކޮންގްރެސްގައި ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް ވެސް އެ އެސޯސިއޭޝަނެއްގެ ޕްރެޒެންޓޭޝަނެއް ދިނުމުގެ ފުރުސަތު ހުޅުވާލި އިރު، އެފުރުސަތުގެ ބޭނުން ހަމައެކަނި ހިފި އެސޯސިއޭޝަނަކީ ވެސް ހޭންޑްބޯލް މޯލްޑިވްސް އެވެ.

ހޭންޑްބޯޅަ ކުޅޭނެ އަމިއްލަ ބިމެއް ލިބިފައި ނުވާއިރު، އެކަމާ ގުޅިގެން އެ އެސޯސިއޭޝަންގެ ޓެކްނިކަލް ޑައިރެކްޓާރ މުހައްމަދު ޝާން ވިދާޅުވީ ހޭންޑްބޯޅައިގެ މުބާރާތްތައް އަހަރުން އަހަރަށް ގިނަވެ މި ކުޅިވަރަށް ނުކުންނަ ކުޅުންތެރިން އިތުރު ވަމުން އަންނަ އިރު، ކުޅިވަރު ކުޅޭނެ ބިމެއް އަދިވެސް ހަމަޖެހިފައި ނުވާ ކަމަށެވެ.

ޝާން ވިދާޅުވީ މީގެ ކުރިން ސްކޫލް މުބާރާތް ބޭއްވުމަށް ހެންވޭރު ދަނޑު ލިބުނު ނަމަވެސް، މިއަހަރު ލިބިފައި ވަނީ މާފަންނު ސްޓޭޑިއަމްގެ ވެލި ދަނޑު ކަމަށެވެ. ޝާން ވަނީ އެތަނުގައި ސްކޫލް ކުދިންތަކެއް ކުޅެމުންދާއިރު، ލިބެންޖެހޭ ރައްކާތެރި ކަމާމެދު ސުވާލު އުފައްދާފަ އެވެ.

ޝާން ވިދާޅުވީ ހޭންޑްބޯޅަ އަކީ އޭގެ ޒާތުގައި އިންޑޯ ކުޅިވަރެއް ކަމަށާއި އެހެން ނަމަވެސް ރާއްޖޭގައި މި ކުޅިވަރުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް އެންމެ އެކަށޭނަ މިންވަރަށް އިންޑޯގެ ފުރުސަތު ލިބެމުންނުދާ ކަމަށެވެ. އަދި މި ކުޅިވަރަކީ އަތުގައި ތެރަހެއް އުނގުޅައިގެން ކުޅޭ ކުޅިވަރެއް ކަމުން ވެލި ދަނޑެއްގައި ކުޅޭއިރު ތެރަސް ހާކައިގެން ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ޝާން ވިދާޅުވި އެވެ. ޝާން ވިދާޅުވީ މިކަމުގެ ސަބަބުން އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަކުރާ ދިވެހި ޓީމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ ސައިކަލެއްގެ މަޑި ދަށުން ފެށި އެސޯސިއޭޝަނަކީ ވަރަށް ބޮޑު ގޮންޖެހުންތަކާއެކު މަސައްކަތްތަކެއް ކުރަމުން އައި އެސޯސިއޭޝަނެއް ކަމަށާއި އެހެން ނަމަވެސް އެ ގޮންޖެހުންތަކުން އަރައިގަނެ މިހާރު އޮފިހެއްގެ ތެރޭގައި މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ.

އެހެން ނަމަވެސް ޖައުޝަން ވަނީ އަދިވެސް އެ އެސޯސިއޭޝަނަށް ދިމާވެފައި ހުރި ބައެއް ދަތިތަކާއި ކަންބޮޑުވުންތައް އެމްއޯސީގެ އިސްވެރިންނާ ހިއްސާކޮށްފަ އެވެ. އެގޮތުން މާލީ ދަތިކަމާއި ކުޅޭނެ ފެސިލިޓީގެ ދަތިކަމުގެ އިތުރުން ކުޅޭނެ ތަނެއް ލިބުމުގެ ދަތިކަމާ ގުޅޭ ގޮތުން ވަނީ މައުލޫމާތު ހިއްސާކޮށްފަ އެވެ.

ޖައުޝަން ވިދާޅުވީ ކިތަންމެ ގިނަ ގޮންޖެހުންތަކަކާއި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް އެ އެސޯސިއޭޝަނަކީ މިހާރު ކާމިޔާބު މުބާރާތްތަކެއް ބާއްވާ ހިންގުންތެރި އެސޯސިއޭޝަނެއް ކަމަށެވެ. އެގޮތުން މިވީ ކުރު މުއްދަތުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށް ވެސް ޖައުޝަން ވިދާޅުވި އެވެ.

ޖައުޝަން ވަނީ މި ކޮންގްރެސްގައި އެ އެސޯސިއޭޝަނުން ހިންގުނު މުބާރާތްތަކާއި ކޯސްތަކުގެ ތަފާސް ހިސާބު ހިއްސާކޮށްފަ އެވެ. މީގެ އިތުރުން މިއަހަރު ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތްތަކާއި އަދި މިހާރުވެސް ކުރިއަށްދާ ބައެއް ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

ޖައުޝަންގެ ވާހަކައިގައި ވެސް އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ހޭންޑްބޯޅަ ކުޅޭނެ ރަސްމީ ބިމެއް ހަމަޖެހިފައި ނެތުމެވެ. އަދި އަވަސް މުސްތަގުބަލެއްގައި ޔޫތު މިނިސްޓްރީ އާއި އެމްއޯސީ ގުޅިގެން މިކަމަށް ހައްލެއް ހޯދައި ދިނުމަށް ވަނީ އެދިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް