ކޮވިޑް-19 އާ ގުޅިގެން އާންމު ހާލަތަކަށް ރުޖޫޢަވުމަށްޓަކައި ބޯކޮށާ ތަންތަނާއި ސެލޫން ތަކުގައި ރައްކައުތެރިކަމާއެކު ޚިދުމަތް ދިނުމުގެ އުސޫލު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.
އެޗްޕީއޭ އިން މި އުސޫލު އާންމުކޮށްފައިވާއިރު އަމަލު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ.
އެގޮތުން މި އުސޫލުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:
- މުވައްޒަފުންނާއި ކަސްޓަމަރުންނަށް މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބަހައްޓައިގެން ޚިދުމަތް ދެވޭނެ ވަރަށް މީހުންގެ އަދަދު ކަނޑައެޅުން.
- ކޮވިޑް-19 ގެ އަލާމާތްތަކާއި ރައްކައުތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތު ފެންނަ ގޮތަށް ބެހެއްޓުން.
- ވެއިޓިން އޭރިއާ ހުރިނަމަ މަދުވެގެން ތިން ފޫޓްގެ ގައިދުރުމިން ބެހެއްޓޭ ގޮތަށް ގޮނޑިތައް ބަހައްޓާފައި ހުރުން.
- ކޮވިޑް-19ގެ އަލާމާތްތައް ހުންނަ ފަރާތްތަކަށް ޚިދުމަތް ނުދިނުން.
- މޭކަޕް ކުރުމުގައި ބޭނުންކުރާ ފުއްމާގަނޑު، ސްޕޮންޖް ފަދަ ތަކެއްޗަކީ ޑިސްޕޯސެބަލް ތަކެތި ކަމުގައިވުން. ޑިސްޕޯސެބަލް ނޫންތަކެތި ބޭނުންކުރާނަމަ ކޮންމެ ކަސްޓަމަރަކަށް ބޭނުންކުރުމަށްފަހު އެތަކެތި ސައިބޯނި/ޑިޓަރޖެންޓް އިން ރަނގަޅަށް ދޮވެ ސާފުކުރުމަށްފަހު ޑިސްއިންފެންޓް ކުރުން.
- ކޮންމެ ކަސްޓަމަރަކަށް ބޭނުންކުރާ އޭޕްރަނެއް/ފޮތިގަނޑު އަދި ބޯކޮށާއިރު ކަރު ވަށައިގެން އަޅާ ތުވާލިކޮޅު ދޮވެ ސާފުކުރުމަށްފަހު އަނެއް ކަސްޓަމަރަކަށް ބޭނުންކުރުން.
- ބޯކޮށާ ތަންތަނާއި ސެލޫންތަކުގައި ޚިދުމަތް ދެވޭނީ ފޭސް ޝީލްޑް ނުވަތަ ގޮގްލްސް އަޅައި އަދި އަންގި ލައްވައިގެން. އަދި ކޮންމެ ކަސްޓަމަރަކަށް ޚިދމަތް ދިނުމުގެ ކުރިން އަންގި ބޭލުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެ އަންގި ބަދަލުކުރުން.
- ކޮންމެ ކަސްޓަމަރަކަށް ޚިދުމަތް ދިނުމުގެ ކުރިންނާއި ފަހުން މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެ ހިއްކުން.
- ފައިސާ ބަލައިގަތުމުގައި ވީވަރަކުން ކޭޝްލަސް ޕޭމަންޓް ހެދޭނެ އިންތިޒާމް ހަމަޖެއްސުން.
- ސެލޫންގެ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ސައިބޯނި ލައިގެން އަތްދޮވެވޭނެ ނުވަތަ ހޭންޑް ސެނިޓައިޒާއިން އަތް ސާފުކުރެވޭނެ އިންތިޒާމު ހުރުން.
- ސެލްފް ސާރވިސް ކޮފީ ނުވަތަ ބުއިންތަކުގެ ޚިދުމަތް ދޭނަމަ ޑިސްޕޯސެބަލް ކަޕްސް ބެހެއްޓުން.
- ކަސްޓަމަރުންނަށް ސާމްޕަލް ގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް އުފެއްދުންތައް ދައްކާލުމަށް ބަހައްޓާނަމަ ފަހަރަކު ކަސްޓަމަރަކު އައިސް އަތްލާ ބޭނުން ކުރުމުގެ ބަދަލުގައި ތަނުގެ މުވައްޒަފުން މެދުވެރިކޮށް އެކަން ކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
މީގެ އިތުރުން ވެސް ކަސްޓަމަރުންނަށް ޚިދުމަތްދީ ނިމުމަށްފަހު ތަކެއްޗާއި ގޮނޑި އަދި އެސަރަހައްދު ރަނގަޅަށް ސާފުކުރުމާއި ޑިސްއިންފެކްޓް ކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.