ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މައްސަލަތައް ބޮޑުވެ، އެންމެ ފަހުން އެ ކޮމިޝަނުގެ ހަތަރު މެންބަރުން މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމައިފިއެވެ.
ކޮމިޓީން މަޤާމުން ދުރުކުރުމަށް ނިންމާފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު އިބްރާހިމް ޝަހީގުގެ އިތުރުން އަލްއުސްތާޛް ޒަކަރިއްޔާ ޙުސައިނެވެ.
ހޯމަ ދުވަހުގެ ބައްދަލުވުމުގައި މިއިން ކޮންމެ މެމްބަރަކު މަގާމުން ވަކި ކުރުމާއި ގުޅިގެން ވަކި ވަކިން ވޯޓަށް އަހާފައިވެއެވެ. އެގޮތުން ކޮމެޓީން ނިންމާފައިވަނީ މި ހަތަރު މެމްބަރުން މަގާމުން ވަކި ކުރުމަށެވެ.
މީގެކުރިން ވެސް މަޤާމުގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް ޤަބޫލު ކުރެވޭތީ ސިވިލް ސަރވިސް ކޮމިޝަނުގެ 4 މެންބަރުން ވަކި ކުރުމަށް، އެ ކޮމެޓީން ފާސްކުރިއެވެ. އެހެންނަމަވެސް، ކޮމިޝަނުގެ 4 މެންބަރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު އަނބުރާ ފޮނުވާލެވުނެވެ. އަދި ޖޫން މަހުގެ 2 ވަނަ ދުވަހު، ކޮމިޝަންގެ މެމްބަރު ފާތުމަތު އާމިރާ އާއެކު ކޮމިޝަނުގެ 5 މެންބަރުން އެކީ ވަކި ކުރުމަށް ވެސް ކޮމެޓީން ނިންމިއެވެ.
ނަމަވެސް އާމިރާއަށް ޖަވާބުދާރީވުމަށް ދެވުނު ފުރުސަތުގައި ކޮމެޓީއަށް ސިޓީއެއް ފޮނުއްވިއިރު، އޭނާ މަގާމުން ވަކިކުރަންޖެހޭ ވަރުގެ ސަބަބެއް ނެތް ކަމަށް ހޯމަ ދުވަހުގެ ކޮމެޓީ ބައްދަލުވުމުގައި މެމްބަރުން ފާހަގަކުރެއްވިއެވެ. އޭނާ މަގާމުން ވަކި ނުކުރުމަށް ހެންވޭރު ދެކުނު ދާއިރާގެ ޙުސައިން ޝަހީމް ހުށަހެޅުއްވި ހުށަހެޅުން ކޮމެޓީން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 9 މެމްބަރުންގެ ތެރެއިން 5 މެމްބަރުންގެ ވޯޓާއި އެކުގައެވެ.
ސީއެސްސީގެ ރައީސް ޝަމީމަކީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ކެމްޕެއިންގައި ޙަރަކާތްތެރިވި ކަމުގެ ތުހުމަތު ކުރެވޭ ބޭފުޅެކެވެ. އޭރު ބައެއް ފޮޓޯތަކާއި ޚަބަރުތައް ވެސް ދައުރުވެފައި ވެއެވެ. އަދި ސީއެސްސީގެ ނައިބު ރައީސް ޝަހީދަކީ ޤާނޫނާ ޚިލާފަށް އެކޮމިޝަނަށް ޢައްޔަނު ކުރައްވާފައިވާ މެންބަރެކެވެ. އެކަން ކޮށްފައިވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ.