ގޯތި ދެވެންހުރި ރަށްރަށުން، ގޯތި ބޭނުންވާ ހުރިހާ ފަރާތްތަކަށް ގޯތި ދޫކުރެވޭނެ ގޮތް ހައްދަވާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ވަޑައިގެން މައުލޫމާތު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ގޯތި ބޭނުންވާ މީހުންނަށް, ގޯތި ދޫކުރެވެން ހުރި ހުރިހާ ރަށަކުން، ގޯތި ދޫކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އަސްލަމް ވިދާޅުވީ، ރަށްރަށުން ގޯތި ދޫކުރުމުގައި މިހާތަނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، އެކަމުގައި ގެންގުޅުނު ފޯމިއުލާ ކަމަށެވެ. އާބާދީގައި މަދު ބަޔަކު އުޅޭ ރަށްރަށުގައި ވެސް ފަޅު ގޯތިތައް ގިނަ ވުމާއި، ރަށުން ފައިބައިގެންދިޔަ މީހުންގެ ގޯތިތައް ފަޅަށް ހުރުމުން ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް، އެމީހުންގެ ސަބަބުން ގޯތި ލިބުމުގައި ހުރި ދަތިތަކެއް ކަމަށެވެ.
އަސްލަމް ވިދާޅުވީ، ބަންޑާރައިން ދީފަ އޮންނަ ގޯއްޗާ ދޭތެރޭގައި ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. އެގޮތުން ބަންޑާރައިން ދީފަ އޮންނަ ގޯތީގައި އެއްވެސް ކަމެއް ނުކޮށް، ހަމަ ފަޅުކޮށް ބޭއްވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި ގޯތިތައް އެގޮތަށް ފަޅުކޮށްފައި ނުބޭއްވޭނެ ގޮތަކަށް ދައުލަތުގެ ނިޒާމު ބައްޓަން ކުރަންޖެހޭކަމަށާއި، އަދި އެގޯތިތަކާ މެދު ދައުލަތުން އަމަލު ކުރާނެ ގޮތެއް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށެވެ. އަސްލަމް ވިދާޅުވީ ދިރިއުޅުން ނުވަތަ ވިޔަފާރި އަދި އެނޫންވެސް ކޮންމެ ވެސް ބޭނުމެއް އެ ބިންތަކުން ކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރާއްޖޭގެ ރަށްތަކުގައި ގޯތި ދޫނުކުރާތީ، އަދި ބޯހިޔާވަހިކަމުގެ ދަތިތަކާހުރެ ބައެއް ރަށްރަށުގެ ރައްޔިތުންގެ ޝަކުވާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އަދި ބައެއް ރަށްތަކުގައި ބިން އޮވެ، ގޯތި ދޫކުރަމުން ނުދާތީ އެކަމުގެ ކަންބޮޑުވުން ވެސް ރައްޔިތުންގެ އެބަހުއްޓެވެ.
ރާއްޖޭގެ ރަށްތަކުގެ ދިރިއުޅުމުގެ ހާލަތާއި، ތައުލީމާއި ސިއްހަތާއި އަދި ވަޒީފާގެ ބޭނުމަށް ގިނަ ބަޔަކު ދިރިއުޅެމުން ދަނީ މާލެ ސަރަހައްދުގައެވެ. އެހެންކަމުން ބައެއް ރަށްރަށުގައި ގިނަ ގޯތިތައް ހުންނަނީ ފަޅަށެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމުންދިޔަ ނަމަވެސް، ރަށްތަކާއި އަތޮޅުތަކުގައި އެކަށީގެންވާ ބޭސްފަރުވާގެ ހިދްމަތްތަކާއި ތައުލީމާއި ވަޒީފާ ފުރުސަތު ލިބެން ނުހުރެއެވެ. މި ސަރުކާރުން ދަނީ، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މުޅި ރާއްޖެ ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލުމުގެ މަސައްކަތްތަކާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެންވަރު ރަނގަޅު ސިއްހީ ހިދްމަތްތަކާއި މަތީ ތައުލީމާއި ވަޒީފާ ލިބޭނެ އިގްތިޞާދީ ހަރަކާތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާކުރުމުގެ ކަންކަން ސަރުކާރުން ދަނީ ކުރަމުންނެވެ. އޭގެ އިތުރުން އަލަށް އިންތިހާބު ކުރެވޭ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވޭ ގޮތަށް ހަމަޖައްސައި، އިތުރު ބަޖެޓެއް ވެސް ދިނުމަށް ވަނީ ނިންމާފައެވެ.