ކ. މާލެ
|
29 ޖޫން 2020 | ހޯމަ 12:20
އެސްޕަންޔޯލް އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 1-0 ން
އެސްޕަންޔޯލް އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
އެސްޕަންޔޯލް ބަލިކޮށް ރެއާލަށް އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް
އެސްޕަންޔޯލް އަތުން ރެއާލް މޮޅުވީ 1-0 ން
ރެއާލް އެއްވަނައަށް ޖެހިލީ 71 ޕޮއިންޓާއެކު

ސްޕެނިޝް ލީގުގައި އެސްޕަންޔޯލް އަތުން ހަނި ގޮތަކަށް މޮޅުވެ ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ރަށުން ބޭރުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ރެއާލުން ކުރިއަށް ޖެހި އެސްޕަންޔޯލްގެ ގޯލަށް ނުރައްކާކުރިއިރު، މެޗުގެ ކުރީކޮޅު އެސްޕަންޔޯލްގެ ގޯލްކީޕަރު ވަނީ ރެއާލްގެ ކުޅުންތެރިން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ހުޝިޔާރުކަމާއެކު ދިފާއު ކޮށްފައެވެ.

މެޗުގައި ރެއާލުން ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ. ކަރިމް ބެންޒެމާ ތަނަވަސް ކޮށްދިން ފުރުސަތަކުން މި ލަނޑު ރެއާލަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކަސެމީރޯއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި އެސްޕަންޔޯލްގެ ކުޅުންތެރިން ވަނީ ރެއާލްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓުގައި އެސްޕަންޔޯލްގެ ޑި ތޯމަސް ފޮނުވާލި ހަމަލާ އާއި މެޗުގެ ފަހު މިނެޓުގައި ސެލާރީ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. މި ދެ ހަމަލާވެސް ރެއާލްގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ.

މިނަތީޖާ އާއެކު ރެއާލް ތާވަލުގެ އެއްވަނައަށް ޖެހިލީ ކުޅުނު 32 މެޗުން ލިބުނު 71 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ބާސެލޯނާއަށް 32 މެޗުން 69 ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ ކުޅުނު 32 މެޗުން ލިބުނު 58 ޕޮއިންޓާ އެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް