ކ. މާލެ
|
29 ޖޫން 2020 | ހޯމަ 02:11
ލެސްޓާ އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 1-0 ން
ލެސްޓާ އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި އެފްއޭ ކަޕް
ސެމީގައި ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރާއިރު، އާސެނަލް ނުކުންނާނީ ސިޓީއާ ދެކޮޅަށް
ލެސްޓާ އަތުން ޗެލްސީ މޮޅުވީ 1-0 ން
ޝެފީލްޑް އަތުން އާސެނަލް މޮޅުވީ 2-1 ން
ނިއުކާސަލް އަތުން ސިޓީ މޮޅުވީ 2-0 ން

އިނގިރޭސި އެފްއޭ ކަޕްގެ ސެމީފައިނަލްގައި މެންޗެސްޓާ ޔުނައިޓާއި ޗެލްސީ ބައްދަލުކުރާއިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް އާސެނަލް ނުކުންނަށް ޖެހިއްޖެއެވެ.

ކުއާޓާފައިނަލްގެ ފަހު ތިން މެޗު އާދީއްތަ ދުވަހުގެރޭ ކުޅުނުއިރު، ސެމީއަށް ޗެލްސީ ދަތުރުކުރީ ކުއާޓާގައި ލެސްޓާ ސިޓީ އަތުން މޮޅުވެގެންނެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗުން ޗެލްސީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ވިލިއަންގެ އެހީއާއެކު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ރޮސް ބާކްލީއެވެ.

ޝެފީލްޑް އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 2-1 ން

ސެމީއަށް އާސެނަލް ދަތުރުކުރީ ކުއާޓާގައި ޝެފީލްޑް ޔުނައިޓެޑް އަތުން 2-1 ން މޮޅުވެގެންނެވެ.

ޝެފީލްޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާސެނަލުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭއެވެ.

އެކަމަކު މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޑޭވިޑް މެކްގޯލްޑްރިކް ވަނީ ޝެފީލްޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން އާސެނަލް މޮޅުވީ ފަހުވަގުތު ޑެނިއެލް ސެބާއޯސް ކާމިޔާބުކުރި ލަނޑުންނެވެ.

ނިއުކާސަލް އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 2-0 ން

މީގެ އިތުރުން ސެމީގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ހޯދީ ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 ން މޮޅުވެގެންނެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި ސިޓީއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކެވިން ޑި ބްރޭނާއެވެ. އަދި މި މެޗުގައި ސިޓީއަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 68 ވަނަ މިނެޓުގައި ފިލް ފޯޑެންގެ އެހީއާއެކު ރަހީމް ސްޓާލިންއެވެ.

މުބާރާތުގެ ސެމީއަށް ޓީމުތައް ދަތުރުކުރިއިރު، ސެމީގެ ގުރުލުން ކުރިއަށް ގެންގޮސްފައިވަނީ އާދީއްތަ ދުވަހުގެރޭއެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި އާސެނަލާއި ސިޓީ ބައްދަލުކުރާއރު، ދެވަނަ މެޗުގައި ޔުނައިޓެޑް ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. ސެމީގެ މެޗުތައް ކުޅޭނީ އަންނަ ޖުލައި މަހުގެ 18 ވަނަ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް