ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޣައްޔޫމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 5 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ މިހާރު ގޮސްފައިވާ ހިސާބު ސާފުކުރުމަށާއި މިމައްސަލައާ ގުޅޭގޮތުން ޕްރޮގްރެސިވް ކޯލިޝަންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުޘްމާންއާ ބައްދަލުކުރުމަށް އެކޯލިޝަނުން އެދެފިއެވެ.
ހައިކޯޓުގެ އިސްފަނޑިޔާރަށް އެޑްރެސްކޮށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ރައީސް ޔާމީންގެ އިސްތިއުނާފްގެ މައްސަލައަށް ގޮތެއް ނުނިމި ގިނަ ދުވަސްތަކެއްވާތީ އެކަމާ ކަންބޮޑުވާކަމަށެވެ. މިސިޓީގައި އެކޯލިޝަނުން އިތުރަށް ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށްކޮށްފައިވާ ހުކުމަކީ ސިޔާސީ ހަސަދަވެރިކަމުގެ ތެރެއިން ސިޔާސީ ނުފޫޒުން ކޮށްފައިވާ ހުކުމެއްކަމަށް އެތައްހާސް ރައްޔިތުންނެއް ގަބޫލުކުރާކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 5 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 24 ފެބްރުއަރީ ގައި ކަމަށާއި އޭގެ ފަހުން 4 މަސްދުވަސް ވޭތުވެގެންދިޔައިރުވެސް މި މައްސަލައާ ގުޅޭގޮތުން ހައިކޯޓުގައި އަޑުއެހުމެއް ބާއްވާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާކަމަށް މިސިޓީގައި ވެއެވެ. އަދި މިމައްސަލައިގައި ރައީސް ޔާމީން ކަފާލާތުގެ ދަށުންވެސް ގެއަށް ބަދަލުކުރުމުގެ ފުރުސަތު ނުލިބި އިސްތިއުނާފު މަރުހަލާ ދިގުދެމިގެން ދިޔުމަކީ ގައުމުގެ އަދުލު އިންސާފުގެ ދާއިރާއާ ދޭތެރޭ ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފެދި ގައުމުގެ ހަމަޖެހުމަށް އެކަމުގެ ސަބަބުން އަސަރުކުރާނެ ކަމެއްކަމަށް ފާހަގަކުރާ ކަމަށް މި ސިޓީގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ ލޮކްޑައުންގެ ތެރޭގައިވެސް ހައިކޯޓުގެ މައްސަލަތައް ކުރިޔަށް ގެންދިޔުމަށް އުސޫލުތަކެއް ކަނޑައަޅައި ހައިކޯޓުގެ މައްސަލަތައް ކުރިޔަށް ގެންދާ ދަނޑިވަޅެއްގައި 5 އަހަރުގެ ރިޔާސީ ޚިދުމަތްތެރި ދައުރެއް ފުރިހަމަ ކުރެއްވުމަށްފަހު މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުންނެވި ހަމައެކަނި އިދިކޮޅު ލީޑަރު އިންސާފު ނުލިބި ޖަލުގައި ހުންނެވުމަކީ މިވަގުތު ރާއްޖޭގެ އެތައް ހާސް ރައްޔިތުންގެ މަސްލަހަތާއި ގުޅުފައިވާ ކަމެއްކަމަށްވެސް މި ސިޓީގައި ބުނެފައި ވެއެވެ.
އެހެންކަމުން މިކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ބޭނުންވާތީ ވީ އެންމެ އަވަހަކަށް ބައްދަލުކުރުމުގެ ފުރުސަތު ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުޘްމާނު ދެއްވުމަށް އެދޭކަމަށް ވެސް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވާފައިވާ މިސިޓީގައި ބުނެފައިވެއެވެ.
މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒުކުރައްވަމުން ގެންދަވާއިރު ރިޝްވަތާއި މަނީލޯންޑަރިންގގެ އިތުރު މައްސަލައެއް ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހުން މިހާރު ވަނީ ޝަރީޢަތަށް ހުށަހަޅާފައެވެ.