މަސްތުވާތަކެތިން ގައުމުގެ ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ނައިބް ރައީސް ފައިސަލް މިހެން ވިދާޅުވީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ބޯޑު މެންބަރުންނާއި ބައްދަލުކުރައްވާ، އަލަށް އެކުލަވާލެއްވި ބޯޑުގެ ޗެއަރމަންއަށާއި މެންބަރުންނަށް މަރުހަބާ ވިދާޅުވުމަށް އާދިއްތަ ދުވަހުގެ މެންދުރު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އަލަށް އެކުލަވާލި ބޯޑަކީ ސަރުކާރުގެ ހުރިހާ އިދާރާތަކާއި ގުޅިގެން އަދި އެ އިދާރާތަކަށް އެއްބާރުލުން ދީގެން މަސައްކަތް ކުރާނެ ބޯޑެއް ކަމަށް ދެކޭ ކަމަށް ވިދާޅުވެފައެވެ. އަދި ބޯޑުން ރައްޔިތުންނަށް އެންމެ ފައިދާވާގޮތަށް އަދި ރައްޔިތުން އެދޭ މިންވަރަށް މަސައްކަތްތައް ކުރިޔަށް ގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ނައިބް ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވަނީ އެންޑީއޭ ގެ މަސައްކަތްތައް ކުރިޔަށް ގެންދާއިރު މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކާމިޔާބީ ނެރެވޭނެ ގޮތައް މަސައްކަތްތައް ބައްޓަން ކުރުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ. އަދި ގައުމު އެދެނީ ދިވެހި މުޖުތަމައު މަސްތުވާތަކެތިން ސަލާމަތްވެގެންވާ މުޖުތަމައަކަށް ހެދުމަށްކަން ފާހަގަކުރައްވައި ބޯޑުގެ މަސައްކަތްތައް ވެސް އެގޮތަށް އެމަގަށް ކުރިޔަށް ގެންދިއުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ނައިބް ރައީސް ވިދާޅުވީ އެންޑީއޭގެ ބޯޑުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ވެސް ކަމާގުޅޭ ހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ޒިންމާދާރުކަމާއެކު އަދި ޒަމާނާ ގުޅޭގޮތަށް މަސައްކަތްތައް ބައްޓަންކޮށްގެން ކުރިޔަށް ގެންދިއުމަށް ވެސް ނައިބް ރައީސް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި އެންޑީއޭގެ މެންބަރުން ވަނީ ނައިބު ރައީސް އެދިވަޑައިގެންނެވި ގޮތަށް މަސައްކަތްތައް ކުރާނެ ކަމަށާއި އަދި މަސްތުވާތަކެތި ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި ބޯޑުގެ ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.